ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޗެލްސީއިން ޗެންޕިއަންސް ލީގުގެ ޖާގައެއްގެ އުންމީދު އާކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވެ ކުރިއަށް އޮތް ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައަކަށް އެޓީމުން ކުރަމުން އަންނަ އުންމީދުތައް އާކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. އަދި ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ރެފްރީ ވަނީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކީޕަރު އޮނާނާ ފައުލްކުރިކަމަށް ނިންމައި ޗެލްސީއަށް ޕެނަލްޓީއެއް ވެސް ދީފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު، ރެފްރީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.

ފޯރިގަދަ މިމެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ހަ ކުޅުންތެރިއަކަށް ރެފްރީ ރީނދޫ ކާޑު ދެއްކިއިރު، ޗެލްސީ އިން މެޗުގެ ލީޑުހޯދީ ފަހުހާފުގެ 71 ވަނަ މިނެޓުގައެވެ. މިއީ އެޓީމުގެ ކެޕްޓަން ރީސް ޖޭމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑިފެންޑަރު މާކް ކުކްރޭލާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު 1-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވިއިރު، މިއީ މިސީޒަނުގައި ޕްރެމިއާ ލީގުގައި ޔުނައިޓެޑް ބަލިވި 18 ވަނަ މެޗެވެ.

ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

މިނަތީޖާއެކު ލީގުގައި ކުޅުނު 37 މެޗުން ޗެލްސީއަށް 66 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުޅުނު 37 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 16 ވަނައިގައެވެ.

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ވެސްޓްހަމް އަތުން އެޓީމު ވަނީ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މީގެ އިތުރުން ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު އަށް މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާއިރު، ލީގު މެޗެއްގައި އެޓީމު އެންމެ ފަހުން މޮޅުވެފައިވަނީ މިއހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ލެސްޓާ ސިޓީ އަތުންނެވެ.

ގުޅުންހުރި ލިޔުންތައް