ސްޕެނިޝް ލަލީގާގެ މި ސީޒަންގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދައިފިއެވެ.
ލީގުގައި ބާކީ ދެ މެޗު އޮތްއިރު ބާސެލޯނާ ޗެމްޕިއަންކަން ޔަޤީންކޮށްފައިވަނީ ރޭ ރަށުން ބޭރުގައި އެސްޕަނިޔޯލް އާއިއެކު ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
މިއީ ބާސެލޯނާ އިން ސްޕެނިޝް ލަލީގާ ކާމިޔާބުކުރި 28 ވަނަ ފަހަރެވެ.
މިދިޔަ ސީޒަނުގައި ތަށްޓެއް ނުލިބި ނިންމާލަން ޖެހުނު ބާސެލޯނާ އިން މި ސީޒަނުގައި ވަނީ ތިން ތަށި ކާމިޔާބުކޮށްފައެވެ. އެއީ ލަލީގާ އަދި ކޮޕާޑެލްރޭގެ އިތުރުން ސުޕަކަޕެވެ.
އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު، ބާސާއިން ލީޑުނެގީ އުމުރުން 17 އަހަރުގެ ޔަމާލް ކާމިޔާބުކުރި ލަނޑަކުންނެވެ.
މެޗުގެ 53 ވަނަ މިނެޓްގައި ޔަމާލް މި ލަނޑު ކާމިޔާބުކުރީ އެސްޕަނިޔޯލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މެޗުގެ 80 ވަނަ މިނެޓްގައި އެސްޕަނިޔޯލްގެ ލެއަންޑްރޯ ކަބްރޭރާ ބޯޅަ ނެތީސް ޔަމާލް އަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.
މެޗުގެ އިތުރު ވަގުތުގައި، ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ.
މިމެޗާއިއެކު ބާސެލޯނާއަށް ލީގު ލިބި، އެއް ވަނައިގައި އޮތީ 36 މެޗުން 85 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 36 މެޗުން ވަނީ 78 ޕޮއިންޓް ލިބިފަ އެވެ.