އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ އެންމެ މައިގަނޑު މަޤްސަދަކީ މި ޤައުމުން ކޮރަޕްޝަން ނައްތާލުން: ރައީސް

ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް މި ސަރުކާރުގެ އެންމެ މައިގަނޑު މަޤްސަދަކީ މި ޤައުމުން ކޮރަޕްޝަން ނައްތާލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ”ދިވެހިރާއްޖެ 2.0“ ގެ ނަމުގައި ފެށޭ ސަމިޓު އިފްތިތާހު ކުރުމަށް މިރޭ ބާސެލޯ ނަސަންދުރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިސަމިޓު އޮންނާނީ މިރެއިން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ބާސެލޯ ނަސަންދުރާގައެވެ.

ދިވެހިރާއްޖެ 2.0 ގެ ނަން ދެވިފައިވާ މި ސަމިޓަކީ ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ.

މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ޚިދުމަތްތައް ހަލުވިކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ޚިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.

ޑިޖިޓަލް ވަޞީލަތްތަކުން ރާއްޖެއަށް ގެންނަން އުޅޭ ބަދަލު ބައްޓަންކޮށް، ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކުރެވޭނެ ގޮތަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކޮރަޕްޝަނަކީ އެންމެން އަތުގުޅާލައިގެން އެކުއެކީގައި ތެދުވެ ނައްތާލެވިދާނެ ވަބާއެއް ކަމަށެވެ.

”ޑިޖިޓަލައިޒް ކުރުމުގެ މި މަސައްކަތުގެ، އަޅުގަނޑުގެ އެންމެ މައިގަނޑު އެއް މަޤްސަދަކީ މި ޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ތަރައްޤީވެފައިވާ ޤައުމަކަށް މިޤައުމު ހެދުމުގެ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަން ޖެހޭ ކަމަށާއި ކޮރަޕްޝަން ނައްތާލުމަށް މި ޤައުމު ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒް ކުރަން ޖެހޭ ކަމަށެވެ.

ދިވެހިރާއްޖެ 2.0 ގެ ތަސައްވުރަށް އަމަލީ ސިފަ ގެނައުމަށްޓަކައި މައިގަނޑު 6 އަސާސެއް ކަނޑައަޅާފައިވެއެވެ. މިއަސާސްތަކުގެ ތެރޭގައި ފަރުމާކުރެވޭ ކޮންމެ ޚިދުމަތަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދެވޭގޮތަށް ފަރުމާކުރެވޭ ޚިދުމަތަކަށް ހެދުމާއި، މުޖްތަމަޢުގެ ކޮންމެ ފަރުދަކަށްވެސް އެ ޚިދުމަތް ބޭނުން ކުރެވޭ ފަދަ ޚިދުމަތެއްގެ ގޮތުގައި ފަރުމާކުރުން ހިމެނެއެވެ. އަދި މިއިން ކޮންމެ ޚިދުމަތަކީވެސް ރައްކާތެރިކަން ކަށަވަރުކުރެވޭ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ފަރުމާކުރެވޭ ޚިދުމަތަކަށް ވާން ޖެހެއެވެ.

މިއަސާސްތަކަކީ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރުކުރެވޭނެ ގޮތަށް ކަނޑައަޅާފައިވާ އަސާސްތަކެކެވެ.

ގުޅުންހުރި ލިޔުންތައް