ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސިފައިންނާ ހަވާލުކުރައްވާފައިވާގޮތަށް، ތެލެސީމިއާ ސެންޓަރު ހުޅުމާލޭ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ނިންމާ ސިއްޙަތާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.
ތެލެސީމިއާ ކުދިންނަށް ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރުމަށް ހުޅުމާލޭގައި އޮރެންޖް ހިޔާ ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާއި ހަވާލުކޮށްގެން އެމަސައްކަތް އެކަށީގެންވާ ހަލުވި ދުވެއްޔެއްގައި ކުރިއަށްނުދާތީ އެމަސައްކަތް ޤައުމީ މަސައްކަތެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރާއި، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ މާރިޗު މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި އެއްމަސްތެރޭގައި އެމަސައްކަތް ނިންމާ މިއަހަރުގެ ތެލެސީމިއާ ދުވަހު އެތަން ޚިދުމަތަށް ގެންނަވާނެކަންވެސް އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިމަސައްކަތް ސިފައިންނާ ހަވާލުކުރެއްވުމާއި ގުޅިގެން، މިމަސައްކަތް ސިފައިން ފެއްޓެވީ މާރިޗު މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ސިފައިންވަނީ ފާހަގަކުރައްވާފައެވެ.
އެމްއެންޑީއެފުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވީ ގައުމީ ހާއްސަ މަސައްކަތެއްގެގޮތުގައި ސިފައިންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި މިމަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި ސިފައިންވަނީ އަލަށް ހުޅުވި، އޮރެންޖް ހިޔާގައި ލޭހަދިޔާކުރުމުގެ ހަރަކާތެއްވެސް ކުރިއަށްގެންގޮސްފައެވެ.
ތެލެސީމިއާ ދުވަހާއި ދިމާކޮށް 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ޚިދުމަތްތައް މިހާރުވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ. އަދި ޚިދުމަތް ހޯދުމަށް މާލެއިން ފަސޭހަކަމާއެކު ބަހުގައި ދެވޭނެ އިންތިޒާމު ހަމަޖައްސާ އެމްޓީސީސީންވަނީ އެސަރަޙައްދުގައި އިތުރު ބަސް ހުއްޓިއެއް ޤާއިމުކޮށްފައެވެ.