ޔުއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގުގައި ރޭ އިޓަލީގައި ކުޅުނު މެޗުގައި 4-3 ގެ ނަތީޖާއަކުން ބާސެލޯނާ ބަކިލޮށް އިންޓަ މިލާން ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިދެޓީމުގެ މެދުގައި ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-3 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ދެވަނަ ލެގުގެ މެޗު ފޯރިގަދަވާނެކަން ޤަބޫލުކުރެވުނެވެ. ކަންވީވެސް ހަމަ އެހެންނެވެ. މި މެޗަށްފަހު އިންޓަ މިލާން ފައިނަލުން ޖާގަ ހޯދީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިލާނުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ އިތުބާރު ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. އަދި އިންޓަ މިލާނުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ހަކާން ޗަނަނޮލޫ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެރިކް ގާސިއާ އެވެ. އަދި އޭގެ ހަ މިނެޓު ފަހުން އެޓީމުގެ ޑެނީ އޯމޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
އެއަށްފަހުވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިފައެވެ. އެހެންނަމަވެސް މެޗުގެ 87 ވަނަ މިނެޓުގައި ބާސެލޯނާ ބްރެޒިލް ފޯވާޑް ރަފީނިހާ ކާމިޔާބުކޮށްދިން ގޯލާއިއެކު ބާސާއިން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑުހޯދި ހޯދިއެވެ.
މިއާއިއެކު ބާސެލޯނާއިން ފައިނަލްގެ ޖާގަ ލިބުނީކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވުނެވެ. އެހެންނަމަވެސް 90 މިނެޓުގެ ކުޅުން ހަމަވެގެން އިތުރަށް ދެއްކި ދެއްކި ފަސް މިނެޓުގެ ތެރެއިން ހަތަރުވަނަ މިނެޓުގައި އިންޓަ މިލާނުގެ ޑިފެންޑަރު ފްރާންސެސްކޯ އެސާބީ ވަނީ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިއާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުން އިންޓަ މިލާން މޮޅުވި ލަނޑު އިތުރުވަގުގެ ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޑޭވިޑް ފްރަޓޭސީ އެވެ. އަދި މިލަނޑާއެކު މެޗުގެ 120 މިނެޓުގެ ކުޅުން ނިމުގެންދިޔައީ 4-3 ގެނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އިންޓަ މިލާނުން ކަށަވަރުކުރިއިރު، މިއީ ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި އެޓީމު މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދި ދެވަނަ ފަހަރެވެ. އަދި އެޓީމު އެންމެ ފަހުން މިމުބާރާތް ކާމިޔާބުކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ.