އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

ރަހުނަކާ ނުލައި ބީއެމްއެލް މެދިވެރިކޮށް މަސްވެރިންނަށް ލޯނު ލިބޭނެ މަގުފަހިކޮށްދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ފަސޭހައިން ފައިނޭންސް ލިބޭނެ މަގުފަހިކޮށްދިނުމަށްޓަކައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.

ބީއެމްއެލްއިން ބުނިގޮތުގައި، މި އެއްބަސްވުމުގެ ދަށުން، ނެޝަނަލް ފިޝަރމަންސް ރެޖިސްޓަރީގައި ރަޖިސްޓަރީ ކޮށްފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބަލައި، އަމިއްލަ ފައިނޭންސިންގ، ކްރެޑިޓް ކާޑު އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތައް ލިބުމަށް މަގު ފަހިވެގެންދާނެއެވެ.

އަދި މި އައު އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000 ރުފިޔާއާ ހަމައަށް އަމިއްލަ ފައިނޭންސިންގ ލިބޭނެ ކަމަށާ، ފުރަތަމަ ފަހަރަށް، މޫސުމާއެކު މަސްވެރިކަމުގެ އާމްދަނީއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ލޯނު އަނބުރާ ދެއްކުމުގެ ތާވަލު އެކުލަވާލެވޭނެ ކަމަށް ބުނެފައިވެއެވެ.

ޕާސަނަލް ފައިނޭންސިންގ އަދި ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ބޭންކުގެ އިންޓަރނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި އެއްބަސްވުމުގެ މަޤްޞަދަކީ މަސްވެރިންނަށް ކްރެޑިޓް ފެސިލިޓީތައް ލިބުމުގެ ފުރުޞަތު ފުޅާކުރުން ކަމަށެވެ. މިކަމުގެ ސަބަބުން މަސްވެރިންގެ ޚާއްޞަ އާމްދަނީ އަދި މޫސުމީ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން ދެމެހެއްޓެނިވި ގޮތެއްގައި ބައްޓަންކުރުމަށް އެހީތެރިވެދޭ މާލީ ޙައްލުތައް ފޯރުކޮށްދެވޭނެއެވެ.

ޕާސަނަލް ފައިނޭންސިންގގެ އިތުރުން، ނެޝަނަލް ފިޝަރމަންސް ރެޖިސްޓަރީގައި ރަޖިސްޓަރީވުމަށްފަހު، މަސްވެރިންނަށް ގެ އިމާރާތްކުރުމުގެ ފައިނޭންސިންގ، ގެ ގަތުމުގެ ފައިނޭންސިންގ އަދި ގެ މަރާމާތުކުރުމުގެ ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް