- Advertisement -spot_img

ރާއްޖޭގައި ރީ އެކްސްޕޯޓް ކުރެވޭނެ ބާވަތްތަކަކީ ކޮބައިތޯ ބަލާ އެކަން ކުރުމުގެ މަސައްކަތް އެބަކުރެވޭ: ވަޒީރު ސަޢީދު

ދިވެހިރާއްޖޭގައި ރީ-އެކްސްޕޯޓް ކުރެވޭނެ އުފެއްދުންތައް ދެނެގަތުމަށް ސަރުކާރުން މަސައްކަތް ފަށައިފިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެއިން އެކްސްޕޯޓް ކުރެވިދާނެ އުފެއްދުންތައް ދެނެގަނެ، އެ މުދާ ރާއްޖޭގައި އުފެއްދޭނެ ގޮތްތައް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މި ބައްދުވުމުގައި ވަޒީރު އިތުރަށް ވިދާޅުވީ، ޗައިނާގެ ކަމާގުޅޭ ވުޒާރާތަކާއެކު މަޝްވަރާކުރުމަށްފަހު، އަދި ދެ ޤައުމުގެ އިސްވެރިންގެ އިރުޝާދުގެ ދަށުން، މި މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެ ދާއިރާގެ ފަންނީ މާހިރުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ދިވެހިރާއްޖޭގައި އުފައްދައި އަދި އަލުން އެކްސްޕޯޓް ކުރެވިދާނެ އުފެއްދުންތައް ދެނެގަތުމާއެކު، މި މަސައްކަތްތައް ތަންފީޒުކުރުމަށް އެންމެ އެކަށޭނަ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި މަސައްކަތުގެ ސަބަބުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފުރިހަމަ މަންފާ ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުމަސް ޗައިނާއަށް ބޭރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޗައިނާގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިމްޕޯޓްކުރާ އަދި އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ޤައުމީ ޞިނާޢީ ޖަމްޢިއްޔާ (ސީއެފްއެންއޭ)ގެ ވަފުދެއް މި މަހުގެ 13 އިން 18 އަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް