- Advertisement -spot_img

ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިބަހުގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވީ ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއްވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން ކަމުގައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް ކަމުގައެވެ.

”ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާއިއެކު ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަން“، ރައީސް ވިދާޅުވިއެވެ.

ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ދިވެހި އަދަބިއްޔާތަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ލިޔުންތެރިޔާ ޙުސައިން ޞަލާޙުއްދީންގެ އުފަންދުވަސް ވެސް މެއެވެ.

ގުޅުންހުރި ލިޔުންތައް