ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ހިންގައިފިނަމަ، އެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުން ނުވަތަ ތިން މަސް ދުވަހާ ހަމައަށް ޖަލަށްލުމުގެ ބާރު ފަނޑިޔާރުންނަށް ލިބޭ ގޮތަށް، ކޯޓުތަކާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.
ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވާ ގޮތުން، ކޯޓުގެ ހުރުމަތް ކެނޑުމާއި، ކޯޓުގެ އަމުރުތަކަށް ނުކިޔަމަންތެރިވުމާއި، ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފުވުމުގެ އަދަބަކީ ގިނަވެގެން 10،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
ބިލުގައި ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ އަމަލުތައް، ޝަރީޢަތުގެ މަޖިލީހުގެ ތެރޭގައި ކުރެވޭ އަމަލުތަކާއި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި ކުރެވޭ އަމަލުތަކުގެ ގޮތުގައި ދެ ބަޔަކަށް ބަހާލައި، ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
އެގޮތުން، ކޯޓުގެ ހުއްދައެއް ނެތި އަޑުއެހުންތަކުގެ އަޑާއި މަންޒަރު ރެކޯޑުކުރުމާއި، އަޑުއެހުންތަކަށް ހާޒިރުވާ ފަރާތްތަކަށް އަނިޔާދިނުމާއި، ކޯޓުގެ ހުކުމަކަށް ނުވަތަ އަމުރަކަށް ގަސްދުގައި ނުކިޔަމަންތެރިވުމާއި، ކޯޓާ މެދު ހަގީގަތާ ޚިލާފު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރުން ވެސް ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
ނަމަވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އިސްތިސްނާވާނެ ހާލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވާއިރު، ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކުގެ ޚަބަރު ގެނައުމާއި ހަގީގީ އަދި އިލްމީ ފާޑުކިއުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ނޫން ކަމަށް ބިލުގައި ވެއެވެ. މިހާރު އޮންނަ ޤާނޫނުގައި މި ކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
ކޯޓުތައް އެކުލެވިގެންވާ ގޮތާއި ކޯޓުތަކުގެ އިހުތިސާސް ކަނޑައެޅިގެންވާ ގޮތާއި، ކޯޓުތަކުގެ އިދާރީ އަދި މާލީ ހިންގުން ހަރުދަނާކުރުމަށް ބިލު ހުށަހަޅާފައިވާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.



