- Advertisement -spot_img

ވިޔަފާރިވެރި އަންހެނުން މާލީގޮތުން ބާރުވެރިކުރުވާ، ރިޓަޔާމަންޓަށް ތައްޔާރުކުރުމުގެ ހާއްސަ ސެޝަނެއް ބާއްވައިފި

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި މަސައްކަތްތެރިން ބައިވެރިވާ މިންވަރު އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ވިޔަފާރިވެރި އަދި އަމިއްލަ މަސައްކަތްކުރާ އަންހެނުންނަށް ހާއްސަކޮށްގެން ”ވިމެންސް ފައިނޭންޝަލް އެމްޕަވާމަންޓް އެންޑް ޕެންޝަން ރެޑިނަސް ޕްރޮގްރާމް“ (ޑަބްލިއުއީޕީއާރް) ގެ ސެޝަނެއް ބާއްވައިފިއެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން މިއަދު ފަންކްޝަން ފައިވްގައި ކުރިއަށްގެންދިޔަ މި ސެޝަންގެ މައިގަނޑު މަގުސަދަކީ، ވިޔަފާރީގެ މާލީ ކަންކަން ބެލެހެއްޓުމުގެ ހުނަރުތައް ހަރުދަނާކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ދުރާލާ ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަން އަންގައިދިނުންކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

ޕެންޝަން އޮފީހުން ބުނީ ޖުމުލަ 20 ފަރާތަކުން ބައިވެރިވި މި ސެޝަންގައި، ވިޔަފާރީގެ އާ ފުރުސަތުތައް ދެނެގަތުމާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގެ އިތުރުން ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދީފައިވާކަމަށެވެ.

އަދި މާލީ ރަނގަޅު އާދަތައް އަށަގަންނުވައި، ބަޖެޓު އެކުލަވާލުމާއި ވިޔަފާރި ކުރިއެރުވުމަށާއި ދިގު މުއްދަތަކަށް މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ދުރާލާ މާލީ ކަންކަން ރޭވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވާކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން، އެމްއާރްޕީއެސްއާ ގުޅޭ މައުލޫމާތާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވޮލަންޓަރީ ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފައިވާކަމަށާއި، ޕެންޝަން އޮފީހުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓް (އާރްއެސްއޭ) ގެ ތަފްސީލު ބަލާ، އެ އޮފީހުގެ ހިދުމަތްތައް ހޯދާނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ފޯރުކޮށްދީފައިވާކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

ޕެންޝަން އޮފީހުން ބުނީ މި ސެޝަންގެ ތެރެއިން، ރިޓަޔާމަންޓަށް ފައިސާ ރައްކާކުރުމުގައާއި ޕެންޝަން ސްކީމުގައި ބައިވެރިވުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށްފައިވާކަަމަށެވެ.

ޕެންޝަން އޮފީހުން ބުނީ މި ޕްރޮގްރާމަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދުރާލާ ރިޓަޔާމަންޓަށް ތައްޔާރުވުމަށް ބާރުއެޅުމުގެ އިތުރުން، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި ރަސްމީ ވަޒީފާތަކުގެ ބޭރުން އާމްދަނީ ހޯދާ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ވެއްދުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް