- Advertisement -spot_img

އިސްރާއީލު ސިފައިން ލުބުނާނުގެ ސްކޫލަކަށް ވަދެ ވީޑިއޯއެއް އާންމުކުރުމުން އެޤައުމުގެ ބޮޑުވަޒީރު ފާޑުކިޔައިފި

އިސްރާއީލުގެ އަސްކަރިއްޔާއިން ދެކުނު ލުބުނާނުގެ ސްކޫލަކަށް ޒިޔާރަތްކޮށް، އެ ތަނުގައި ރެކޯޑުކުރި ވީޑިއޯއެއް އާންމުކުރުމާ ގުޅިގެން، އެއީ އަސްކަރީ ޕްރޮޕެގެންޑާއެއްގެ ގޮތުގައި ސިފަކުރައްވައި ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ވިދާޅުވީ އިސްތިއުމާރީ އެއްވެސް ބާރަކަށް އެ ބައެއްގެ ސޫރަ ރީތިކުރުމުގެ ބޭނުމުގައި ލުބުނާނުގެ ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. އަދި އިސްރާއީލު ސިފައިން ދެބެލް ޕަބްލިކް ސްކޫލަށް ވަދެގަނެ، އެ ސްކޫލުގެ ދަރިވަރުން އަސްކަރީ އަދި ޕްރޮޕެގެންޑާ ހަރަކާތެއްގެ ތެރެއަށް ވެއްދުމަކީ ސްކޫލުތަކުގެ ހުރުމަތް ކެނޑުމާއި ކުޑަކުދިންގެ ހައްގުތަކާ ހިލާފު އަމަލެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އެލާ ވަވޭޔާ އާދީއްތަ ދުވަހު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އަރަބި ބަހުން ވާހަކަދައްކާ އެ ތަރުޖަމާނު ސްކޫލަށް ޒިޔާރަތްކޮށް ދަރިވަރުންނާ ބައްދަލުކުރާ މަންޒަރު ފެންނަ އެއް މިނެޓުގެ އެ ވީޑިއޯ އާންމުކުރީ ލުބުނާނުގެ މިނިވަން ދުވަހާ ގުޅުވައިގެން ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ޒިޔާރަތް ހިނގި ސީދާ ތާރީޚެއް އެލާ ވަވޭޔާ ހާމަކޮށްފައި ނުވި ނަމަވެސް، އެ ސަރަހައްދުގެ އޮފިޝަލުންނާއި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅާއި ނޮވެމްބަރު މަހުގެ ކުރީކޮޅާ ދެމެދުގައެވެ.

މީގެ އިތުރުން، އިސްރާއީލުން އަސްކަރީ ޕްރޮޕެގެންޑާ ފެތުރުމަށް ކުޑަކުދިން ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކޮށް ލުބުނާނުގެ ޓީޗަރުންގެ ޔޫނިއަނުން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް