އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބަލަހައްޓަމުން އަންނަ ގައުމީ ޖިނާއީ މައުލޫމާތުތަކާ ބެހޭ ޑޭޓާބޭސް ”ނެޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރު“ (އެންސީއައިސީ) އަށް ސައިބާ ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.
މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ހަމަލާގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި މިއީ އެއްވެސް ވަރަކަށް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ސައިބާ ހަމަލާގެ ތަހުގީގު އެފްބީއައިއިން މިހާރު ވަނީ ފަށައިފައެވެ.
އެންސީއައިސީއަކީ އެމެރިކާގެ ފެޑެރަލް، ސްޓޭޓް އަދި ލޯކަލް ގާނޫނީ އިދާރާތަކުން ކުށްވެރިންގެ މައުލޫމާތާއި، ކޯޓު އަމުރުތަކާއި، ކުށުގެ ރެކޯޑުތަކުގެ އިތުރުން ގެއްލިގެން ހޯދާ މީހުންގެ މައުލޫމާތު ބަދަލުކުރުމަށް ބޭނުންކުރާ މައި ސިސްޓަމެވެ. މި ސިސްޓަމަށް ވަދެފައިވަނީ ކޮން ބައެއްކަމާއި، ޑޭޓާބޭސްގައިވާ މައުލޫމާތުތަކަށް އެއްވެސް ބަދަލެއް ގެނެސްފައިވޭތޯ ނުވަތަ މައުލޫމާތު ވަގަށް ނަގާފައިވޭތޯ އަދި ސާފުވެފައެއް ނުވެއެވެ.
މިއީ ފާއިތުވި މަސްތަކުގެ ތެރޭގައި އެފްބީއައިގެ ސިސްޓަމްތަކަށް ސައިބާ ހަމަލާ އަމާޒުވި ދެވަނަ ފަހަރެވެ. މީގެ ކުރިން ސެޕްޓެމްބަރު 2026 ގައިވެސް ހެކަރުންގެ ގްރޫޕަކުން ވަނީ އެފްބީއައިގެ ވަޒީފާތަކާ ބެހޭ ވެބްސައިޓަކަށް ހަމަލާދީ، މުވައްޒަފުންގެ އަމިއްލަ މައުލޫމާތުތަކެއް ވަގަށް ނަގައިފައެވެ.
މި ފަހަކަށް އައިސް އެމެރިކާގެ ސަރުކާރުގެ އެކި އިދާރާތަކަށާއި މާލީ އިދާރާތަކަށް ސައިބާ ނުރައްކާތަކާއި ފަންނީ މައްސަލަތައް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި، އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ވަނީ ގައުމީ ސައިބާ ރައްކާތެރިކަން ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅުއްވަމުން އަންނަކަން ހާމަކުރައްވައިފައެވެ. ނަމަވެސް އެންމެ ފަހުން ދިން މި ހަމަލާއާ ގުޅޭގޮތުން އެފްބީއައިއިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.



