ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ފިހާރަތަކުން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުންދާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ’އެކްސް‘ ގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އެސްޓީއޯގެ ފިހާރަތަކުން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކާއިރު، ލޮނުމެދު ކިލޯއެއް ވިއްކަނީ 50 ރުފިޔާއަށެވެ. އަދި ފިޔާ ކިލޯއެއް 15 ރުފިޔާއަށް ވިއްކާއިރު، އަލުވި ކިލޯއެއް ވިއްކަނީ 12 ރުފިޔާއަށެވެ.
ބާޒާރުގައި އާންމުކޮށް ކެރެޓުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މިވަގުތު އަމިއްލަ ފިހާރަތަކުގައި ކެރެޓު ކޭހެއްގެ އަގު ހުރީ 1،500 ރުފިޔާގައެވެ. އަދި ވަކިން ވިއްކާ ކެރެޓު ކިލޯއެއްގެ އަގު 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދުގައި އުޅޭއިރު، މީގެ ކުރިން އާންމުކޮށް ކެރެޓު ކިލޯއެއް ލިބެން ހުންނަނީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ކުރިން 180 ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގެ އަގަކަށް ލިބުނު ކެރެޓު ކޭހުގެ އަގު މިހާރު ވަނީ އެތައް ގުނައެއް މައްޗަށް ޖެހިލައިފައެވެ.
ކެރެޓުގެ އިތުރުން ބާޒާރުގައި އެހެނިހެން ބައެއް ބާވަތްތަކުގެ އަގުތައް ވެސް ވަނީ އުފުލިފައެވެ. އެގޮތުން ކުރިން 400 ރުފިޔާއަށް ވުރެ ހެޔޮކޮށް ލިބެން ހުރި ބިސް ކޭހެއްގެ އަގު މިހާރު ވަނީ 530 ރުފިޔާއަށް އަރައިފައެވެ. އަދި ކުރިން 230 ރުފިޔާއާއި 250 ރުފިޔާއާ ދެމެދުގެ އަގަކަށް ލިބުނު ފިޔާ ބަސްތާއެއްގެ އަގު މިހާރު ވަނީ 480 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ މިންވަރަކަށް ބޮޑުވެފައެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު ނިމިދިޔަ އޮކްޓޫބަރު މަހު މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ 9 އިންސައްތަ އުފުލިފައެވެ. އަދި މަހުން މަހަށް ބަލާއިރު ތަކެތީގެ އަގުތަކަށް 1.01 އިންސައްތައިގެ އިތުރުވުމެއް ވަނީ އައިސްފައެވެ.



