ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ އޮފް ކޮމާސް ޖާމް ކަމާލް ޚާން އަދި ފެޑެރަލް މިނިސްޓަރ އޮފް މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީއާއެކު އިއްޔެ އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ ހެނދުނު ބޭއްވުނު މި ބައްދަލުވުމަކީ މިދާއިރައިން ރަނގަޅު ނަތީޖާއެއް ނެރެވޭ ފަދަ ބައްދަލުވުމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށާއި، އިޤްތިޞާދީ ގުޅުންތައް ފުޅާކުރުމަށް ލިބިފައިވާ ފުރުޞަތުތަކުގެ ބޭނުން ފުރިހަމައަށް ހިފުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން ޙުސައިން ޝަފީޤު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޕާކިސްތާނަށް ތިން ދުވަހުގެ ރަސްމީ ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފައެވެ. އަދި ޕާކިސްތާނުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށްވެސް މަޝްވަރާ ކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމަށް ވާއިރު، އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.



