މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ ޢިލްމު އުނގެނުމުގެ މާތްކަމެވެ.
މިއަދުގެ ޚުތުބާ ފަށާފައިވަނީ ޢިލްމުވެރިންގެ މާތްކަން ބަޔާންކުރައްވައި މާތްﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ ބަސްފުޅަކާއި އެއްކޮށެވެ. އެގޮތުން އެއާޔަތުގެ މާނާގައި ”ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން މާތްﷲ ދަރަޖަތަކަށް އުފުއްލަވާނެތެވެ. ﷲ އީ ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ“ ޚުތުބާގައި ވަނީ ބުނެފައެވެ.
ކީރިތި ޤުރުއާނުގެ އާޔަތްތަކުން މިސާލުދައްކަމުން މާތްﷲ މަލާއިކަތުންގެ ވާހަކަ ވަހީކުރެއްވުމަށްފަހު އެއާއި ވިދިގެން ޢިލްމުވެރިންގެ ވާހަކަ ބަޔާންކޮށްފައިވާކަމަށް ވަނީ މިއަދުގެ ޚުތުބާގައި ބުނެފައެވެ.
ނަބީބޭކަލުންވެސް ވާރުތަކުރެއްވީ ޢިލްމުކަމަށް ބަޔާންކުރަމުން، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސް ބަސްފުޅެއްގައި މާނާގައި ނަބީބޭކަލުން ދީނާރެއް ނުވަތަ ދިރުހަމެއް ވާރުތަ ނުކުރައްވާކަމަށާއި، އެހެނެއްކަމަކު އެބޭކަލުން ވާރުތަކުރެއްވީ ޢިލްމުކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން އެ ޢިލްމު ލިބިގެންފި މީހާއަށް ބޮޑުވެގެންވާ ނަސީބެއް ލިބިގެންފިކަމަށް ވަނީ އިޝާރާތްކޮށްފައެވެ.
އަދިވެސް ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ހަދީޡް ބަސްފުޅަކަށް ރިއާޔަތްކުރައްވައި، މިއަދުގެ ޚިތުބާގައި ބުނެފައިވަނީ އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާ މާތްވެގެންވަނީ، ތިޔަބައިމީހުންކުރެ އެންމެ އާދައިގެ މީހާގެ މައްޗަށް އެކަލޭގެފާނު މާތްވެގެންވާ ފަދައިންކަމަށް ވަނީ ބުނެފައެވެ. އެހެނީ އުނގެނުނު ޢިލްމާއި އެއްގޮތަށް ޢަމަލުކުރާ ޢިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާނެކަމާއި، އޭއާ ޚިލާފަށް އަޅުވެރިޔާ ކުރާ އަޅުކަމުގެ ސަބަބުން މަންފާ ކުރާނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސަށް ކަމަށް މިއަދުގެ ޚިތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އަހަރެމެންގެ އުމުރުން ކޮންމެ ދުވަހަކީވެސް ޢިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއްކަން ބަޔާންކުރަމުން ޢިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާއާއި ލާބަ ހުރިކަމެއްކަމަށް ވަނީ ބުނުފައެވެ. އެގޮތުން އިންސާނާ މަރުވުމުން ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް މެދުކެނޑިގެންދާކަން ބަޔާންކުރަމުން އެއީ ދެމިގެންދާ ޞަދަޤާތަކުން ނުވަތަ ފައިދާހުރި ޢިލްމަކުން، ނުވަތަ އޭނާ ދޫކޮށްދިޔަ އޭނާއަށްޓަކައި ހެޔޮދުޢާކުރާނެ ޞާލިހު ދަރިއެއްގެ ފުށުން މެނުވީކަމަށް ވަނީ މިއަދުގެ ޚުތުބާގައި ބުނެފައެވެ.
އެހެންކަމުން ދީނީ ޢިލްމު އުނގެނުމަށް ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވާކަމާއި ޢިލްމު އުނގެނުމަށް ކީރިތި ޤުރުއާނުގައާއި މާތް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށްވެސް ވަނީ ބަޔާންކޮށްދީފައެވެ. އަދި އެކަމަށް އެދި ދުޢާ ކުރުމަށްވެސް ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކޮށްފައެވެ.
ޚުތުބާ ނިންމާލަމުންވެސް ދީނުގެ ޢިލްމް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެކަމުގެ މާތް ދަރަޖައާއި ހެޔޮކަން ލިބިގަތުމަށް ބަޔާންކުރަމުން، އެއިން ދުނިޔެއާއި އާޚިރަތުގެ މަގު އާރާސްތު ކުރުމަށް ވަނީ އެދިފައެވެ. އަނބިދަރިންނާއި، އަވައްޓެރިންނާއި، މުޅި އިންސާނީ މުޖުތަމަޢަށް އަމާންކަމާއި ރައްކާތެރިކަމާއި ކާމިޔާބު ހޯދައިދެވޭނީ ޢިލްމު އުނގެނި އެއާއި އެއްގޮތަށް ޢަމަކުކޮށްގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާ ނިންމާލަމުންވެސް ވަނީ ބުނެފައެވެ.
އަޅަމެންނަކީ ޢިލްމު އުނގެނި އެއާއި އެއްގޮތަށް ޢަމަލުކޮށް މާތް ﷲ ރުއްސަވާ މަގަށް ދިރިއުޅުމުގެ ތައުފީޤު ދެއްވާ ބަޔަކަށްވާށި. އާމިން



