އަމިއްލަ ގޯތީގައި ގެދޮރުއެޅުމަށް ނުވަތަ އަޅާފައި ހުރި ގެއެއް މަރާމާތުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތައާރަފުކޮށްފައިވާ ”ހިޔާވަހި ފައިނޭންސް ސްކީމް“ ގައި ހުރި އާންމުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު އެކަމުގެ ޔަޤީންކަން ދެއްވީ ”ރައްޔިތުންގެ އަޑު“ ސިލްސިލާގެ 12 ވަނަ ޕްރަގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. އޭނާ ވަނީ ހިޔާވަހި ފައިނޭންސް ސްކީމުން ލިބުނު އަދަދު ކަނޑައެޅި މިންވަރަށް ވުރެ ކުޑަވުމާއި ލޯނު ލިބުން ލަސްވުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ކަންބޮޑުވުންތައް ރައީސް ވަނީ އަޑުއައްސަވާފަ އެވެ. ރައީސް ވަނީ އެކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ”ރަނގަޅު ހައްލެއް ލިބެން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރަން. އަޅުގަނޑު ތިކަން ބަލާނަން،“ ރައީސް ވިދާޅުވިއެވެ.
”ހިޔާވަހި ފައިނޭންސް ސްކީމް“ގެ ދަށުން 891 މީހަކަށް ލޯނު ހަމަޖެހި، އެއިން 244 މީހަކަށް ލޯނު ދޫކުރެވިފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ހިޔާވަހި ސްކީމުގެ ދަށުން ތިން ބާވަތެއްގެ ލޯނު ދޫކުރެއެވެ. ފަހިމާލެ ލޯނުތަކަކީ މާލޭ ސަރަހައްދަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ހަ މިލިއަން ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ މިންވަރަކަށް ފައިސާ ދޫކުރާ ލޯނުތަކެކެވެ. އާބަން ސެންޓަރުތަކާއި އަތޮޅު ތެރޭގެ ސިޓީތަކަަށް ހާއްސަކޮށް ދޫކުރާ ސަހަރު ލޯނުތަކުގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެއެވެ. ރަށްރަށަށް ހާއްސަކޮށް ތައާރަފުކުރި ރަށްވެހި ސްކީމުގެ ދަށުން ދޫކުރާނީ އެއް މިލިއަން ރުފިޔާއާ ހަަމައަށެވެ.
ސަރުކާރުން ރާވާފައިވަނީ މި ސްކީމުގެ ދަށުން އަހަރަކު ދެ ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށެވެ. އެއިން އެއް ބިލިއަން ރުފިޔާއަކީ ދައުލަތުގެ ބަޖެޓުން މި ސްކީމަށް ހާއްސަކުރާ ފައިސާއެވެ. ބާކީ އެއް ބިލިއަނަކީ ބޭންކުތަކުގެ ތެރެއިން މި ސްކީމަށް ހާއްސަކުރާ ފައިސާއެވެ.
މި ސްކީމު ހިންގަނީ އިސްލާމީ އުސޫލުތަކަށް ފެތޭ ގޮތަށް، ފަސް އިންސައްތައިގެ ފައިދާއެއް ނަގާ ގޮތަށެވެ. އަދި މި ސްކީމުގެ ދަށުން ދޫކުރާ ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުހުލަތެއް ލިބޭނެ އެވެ.



