- Advertisement -spot_img

ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ނޭޕާލަށް އދ. އިން 20 މިލިޔަން ޑޮލަރު ދެނީ

ޗައިނާގެ ޓިބެޓް ސަރަހައްދާއި ނޭޕާލް ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް އޮގަސްޓު މަހު ހިނގި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، އދ. ގެ ކްލައިމެޓް ލޮސް އެންޑް ޑެމޭޖް ފަންޑުން އެ ޤައުމަށް އެހީގެ ގޮތުގައި 20 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް، ބުރާސްފަތި ދުވަހުގެ ރޭ އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގާތްގަނޑަކަށް 1،500 މީހުން މަރުވެފައިވާއިރު، 5،000 އަށްވުރެ ގިނަ މީހުން އަދިވެސް ވަނީ ގެއްލިފަ އެވެ. މި ހާދިސާގައި 15،000 އާއިލާއަކުން ގާތްގަނޑަކަށް 60،000 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި، މަގުތަކާއި ފާލަންތަކާއި މަދަރުސާތައް އަދި ފެނުން ހަކަތަ އުފައްދާ 13 ޕްލާންޓް ހިމެނޭހެން އުމްރާނީ ވަސީލަތްތަކަށް ގާތްގަނޑަކަށް 2.7 ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވެސް ރަސްމީ ހިސާބުތަކުން ދައްކައެވެ.

އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކުގެ ޚަރަދު 4.7 ބިލިޔަން ޑޮލަރަށް ވުރެ މައްޗަށް އަރާފާނެ ކަމަށް ރަސްމީ އިދާރާތަކުން އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް، ފެންބޮޑުވުމުގެ ގެއްލުންތައް ފޫބެއްދުމަށް ނޭޕާލަށް ބޭނުންވާ ޖުމްލަ ޚަރަދާ އަޅާބަލާއިރު، އދ. އިން ދޭ މި މޫސުމީ އެހީއަކީ އެންމެ %1 އަށްވުރެ ވެސް ކުޑަ މިންވަރެއް ކަމަށް މަސްރަހުގެ ދާރިސުން ފާހަގަކުރައްވައެވެ.

ފަންޑް ފޯ ރެސްޕޮންޑިންގ ޓު ލޮސް އެންޑް ޑެމޭޖްއިން (އެފްއާރްއެލްޑީ) ލިބޭ މި އެހީގެ ބޭނުމަކީ ”މޫސުމީ ކާރިސާތަކުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކަށް ހައްލު ހޯދުމަށް އެހީތެރިވުން“ ކަމަށް، ނޭޕާލްގެ ދަނޑުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. ނޭޕާލުން މި އެހީއަށް އެދިފައި ވަނީ، ފެންބޮޑުވިތާ ހަފުތާއެއްހާ ދުވަސް ވެސް ނުވަނީސް، އޮގަސްޓު މަހުގެ ތެރޭގައި އެފްއާރްއެލްޑީއަށް ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ.

ނޭޕާލުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ނިސްބަތުން ކުޑަ ނަމަވެސް، ފެންބޮޑުވުމުގެ މި ހާދިސާއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށާއި، މި ކާރިސާއަކީ މުޅި ދުނިޔެއަށް ދިން އިންޒާރެއް ކަމަށް، އުމުރުން 36 އަހަރުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހު ސެޕްޓެންބަރު މަހު އދ. ގައި ކުރެއްވި ފުރަތަމަ ތަޤުރީރުގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް