- Advertisement -spot_img

ޕާކިސްތާނާއެކު ހަރުދަނާ ގުޅުމެއްގެ ބިންގާ އެޅިއްޖެ: ރައީސް

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ފަރާތަށް ވެސް ފައިދާވާނެ ދިރުމެއް ހުރި ގުޅުމެއްގެ ބިންގާ އެޅިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގައި ފާހަގަކޮށްލެވޭ މުހިންމު ވަގުތެއް ކަމަށާއި، ގުޅުމުގެ އާ ސަފުހާއެއް ހުޅުވައި ބައިވެރިވުމުގެ އާ ދައުރެއް ފެށުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ދެ ގައުމުގެ އަމާޒަކީ ޒަމާންވީ ރަހުމަތްތެރިކަން އިގުތިސާދީ ފުރުސަތުތަކަށާއި، ދެ ގައުމުގެ ރައްޔިތުންނަށް ސީދާ މަންފާ ލިބޭނެ ފަދަ ކުރިއެރުންތަކަކަށް ބަދަލުކޮށްލުމެވެ. މި އާ ބާބުގެ އެންމެ މުހިންމު އެއް ކަމަކީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ކަނޑައަޅާފައިވާ އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ އެކު ތަގުރީރުކުރެއްވި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމްގެ ސަބަބުން، ހަރުދަނާ އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމަށް މުހިންމު ބިންގަލެއް އެޅިގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ބަދަލުކުރެވުނު 20 ފަހުމުނާމާ (އެމްއޯޔޫ) އިން ދައްކުވައިދެނީ އަމަލީ އެއްބާރުލުމާއި ނަތީޖާ ނެރުމަށް ދެ ގައުމުން ދޭ އަހައްމިއްޔަތުކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްލާމްއާބާދުން ފުރާވަޑައިގަންނަވަނީ އުފާވެރި ހަނދާންތަކާއި އިތުރުވި އިތުބާރާ އެކުގައި ކަމަށް ވިދާޅުވެ، އެމަނިކުފާނާއި އަނބިކަނބަލުންނަށާއި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ދިން ހޫނު މަރުހަބާއާއި މެހެމާންދާރީއަށް ރައީސް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި، ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު ގާތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފާއިތުވި 60 އަހަރުގެ ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ މި ގުޅުން، ދެ ގައުމުގެ ހިއްސާކުރާ ތަސައްވުރާއި އަޒުމާއެކު އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރައީސް ކުރެއްވި މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅު ގުޅިފައިވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާއެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާ ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން، ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ސެނެޓާ މުހައްމަދު އިސްހާގް ދާރް އާއި، ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާއި، ނޭޝަނަލް އެސެމްބްލީގެ ސްޕީކާ ސަރްދާރު އަޔާޒް ސާދިގާއި، ސެނެޓުގެ ޗެއާމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީއާ ވެސް ރައީސް ބައްދަލުކުރެއްވިއެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމްއާބާދުގައި ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރާއްޖެއާއެކު ދިގު މުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދައުވަތު އަރުވައިފައެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ސިއްހީ ދާއިރާއާއި، އިމާރާތްކުރުމާއި، އިންޖިނިއަރިން އާއި، އިއާދަކުރަނިވި ހަކަތަ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންވެސްޓްކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ގައުމީ އެއާލައިން މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް އަމާޒު ހިފާފައިވާކަން ރައީސް އިއުލާންކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ދަތުރުތަކުގެ ސަބަބުން ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެ، ވިޔަފާރިއާއި ފަތުރުވެރިކަމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ހަމައެއާއެކު، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، އެއް ލައްކަ ޒައިތޫނި ގަހުގެ ކުރިއާއި އެކި ބާވަތްބާވަތުގެ އެއް ލައްކަ މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ވަނީ ނިންމައިފައެވެ.

ގުޅުންހުރި ލިޔުންތައް