- Advertisement -spot_img

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން

ޗައިނާއިން މިއަހަރުގެ މިހާތަނަށް 321،724 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

އެއީ 243،138 ފަތުރުވެރިންނެވެ. 127،769 ފަތުރުވެރިންނާއެކު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ވަނީ 1،710،361 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.

މިއަހަރުގެ މިހާތަނަށް 1.7 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް 1،766،119 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި 2024 ވަނަ އަހަރު ޒިޔާރަތްކޮށްފައިވަނީ 1،601،977 ފަތުރުވެރިންނެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު، 3.2 އިންސައްތަ ވަނީ ދަށްވެފައެވެ. މި މަހުގެ އެކަކުން 18 އަށް ރާއްޖެއަށް 107،340 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 107،088 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ. ވީއައިއޭ މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1،675،260 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ގަން އެއާޕޯޓް މެދުވެރިކޮށެވެ. އެއީ 5،992 ފަތުރުވެރިންނެވެ.

ސީޕޯޓު މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 15،583 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1،240،764 ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. އަދި 365،626 ފަތުރުވެރިން ގެސްޓްހައުސްތަކަށް ގޮސްފައިވާއިރު، ހޮޓެލްތަކަށް 37،967 ފަތުރުވެރިން ވަނީ ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް