- Advertisement -spot_img

މޫޑީޒްގެ ރޭޓިންއަށްފަހު ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް އެހީދިނުމުގައި ވިސްނަނީ ޕޮޒިޓިވްކޮށް: މާލީ ވަޒީރު

ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ”މޫޑީޒް“ އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރި ފަހުން، ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ޕޮޒިޓިވްކޮށް ވިސްނަމުންދާކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު، ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްްއެމްްއާ ގުޅިގެން ކުރިއަށްގެންދާ ’އަހާ‘ ފޯރަމުގެ 10 ވަނަ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި މަހުގެ 8 ވަނަ ދުވަހު މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ1 (Caa1) އަށް މަތިކޮށްފައިވަނީ ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށްފަހު ކަމަށެވެ. އެންމެ ފުރަތަމަ 2016 ވަނަ އަހަރު ރާއްޖޭގެ ރޭޓިން ހެދިއިރު B+ ގައި ހުރުމަށްފަހު، އޭގެ ފަހުން ރޭޓިން ދަށްވަމުން އައި ނަމަވެސް، މި އަހަރު ރޭޓިން މަތިވުމުން އިތުރު މާލީ އެހީތައް ހޯދުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ ދައުލަތުގެ އިޤުތިޞާދީ މަސައްކަތްތައް ރަނގަޅުކުރުމަށް ކުރި މަސައްކަތްތަކަށް ލިބުނު މުހިންމު އެންޑޯޒްމަންޓެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރާއްޖެއިން ދަރަނި ދެއްކުމުގައި މިހާރު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ މުއްދަތުތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ. އެގޮތުން 2013 އިން 2018 އާ ދެމެދު ގާތްގަނޑަކަށް 415 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާއިރު، 2018 އިން 2023 އާ ހަމައަށް ދައްކާފައިވަނީ 948 މިލިއަން ޑޮލަރުގެ ދަރަންޏެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް 1.42 ބިލިއަން ޑޮލަރު ދައްކައި، ފިސްކަލް ނިޒާމަށް ހަރުދަނާ ބަދަލުތަކެއް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓު ޑެފިސިޓް ކުޑަކުރުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން މިނިސްޓަރ ވިދާޅުވީ، މިއަހަރުގެ އަމާޒަކީ 7 އިންސައްތައަށް ޑެފިސިޓް ކުޑަކުރުން ކަމުގައިވީ ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވި ދަތިތަކާ ހެދި މިހާރުގެ އަމާޒަކީ 10 އިންސައްތައަށްވުރެ ދަށުގައި ޑެފިސިޓް ހިފެހެއްޓުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް