- Advertisement -spot_img

ސްޕެނިޝް ލަލީގާ: ޔަމާލްގެ މޮޅު ކުޅުމާއި ބާސާއިން ބެޓިސް ބަލިކޮށްފި

ލަމީން ޔަމާލްގެ މޮޅު ކުޅުމާއެކު، ހޮނިހިރު ދުވަހު ރެއާލް ބެޓިސްގެ ދަނޑުގައި ކުޅުނު ފޯރިގަދަ އަދި ހޫނު މެޗުން 5-2 އިން މޮޅުވެ، ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން ދަމަހައްޓަމުން އަންނަ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ދެކޮޅަށް ނުކުތުމުގެ ކުރިން ބާސެލޯނާއިން މި ހޯދި ކާމިޔާބީއާއެކު އެ ޓީމު ވަނީ ލީގުގައި ކުޅުނު ނުވަ މެޗު ވެސް ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ ބެލަންޑިއޯ އެވޯޑަށް ވާދަކުރާ އުމުރުން 19 އަހަރުގެ ޔަމާލް ވަނީ ޔޫރަޕްގެ ލީގުތަކުގައި މި ހަފުތާގައި ފެނުނު އެންމެ ފުރިހަމަ އެއް ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ޖަހައި ބާސެލޯނާއަށް ކުރިހޯދައިދީފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބެޓިސްގެ ފަކުންޑޯ ބެރްނާލް ކައިރިން ބޯޅަ ހިފައިގެން ނައްޓާލުމަށްފަހު ޔަމާލް ފޮނުވާލި ހިތްގައިމު ހަމަލާ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ފަހުން ބެޓިސްގެ ވެލެންޓިން ގޮމޭޒް ބޮލުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް، ރޮޑްރީ ވަނީ އަލުން ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެޓިސްގެ ޖިއޮވާނީ ލޯ ސެލްސޯ ޖެހި ލަނޑެއް ވީއޭއާރުން ބަލައިނުގަތުމާ ގުޅިގެން ޝަކުވާކުރުމުން އެ ޓީމުގެ ކޯޗު މެނުއަލް ޕެލެގްރީނީއަށް ވަނީ ރީނދޫ ކާޑު ދައްކައިފައެވެ.

ދެވަނަ ހާފު ފަށައިގެން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ގެބްރިއަލް ޖީސަސް ބާސެލޯނާގެ ތިންވަނަ ލަނޑު ޖެހި ނަމަވެސް، އޭގެ ދެ މިނެޓު ފަހުން އަބްދޭ އެޒަލްޒޫލީ ވަނީ ބެޓިސްއަށް ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑަށްފަހު، ބޯޅަ ނެތް ދަނޑިވަޅެއްގައި ޔަމާލާއި ބެރްނާލްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގިއެވެ. ބެރްނާލް ޔަމާލް ކޮއްޕާލުމުން ޔަމާލް ވެސް އޭނާއާ ކުރިމަތިލައި ދެ ކުޅުންތެރިން ދެމެދުގައި ކޯޅުމެއް ހިނގި ވަގުތު، ބެރްނާލް ވަނީ ޔަމާލްގެ ނިތްކުރީގައި އޭނާގެ ބޯ ޖައްސައިފައެވެ. އެއާއެކު ޔަމާލް ނިތްކުރީގައި އަތްއަޅައިގެން ދަނޑުމައްޗަށް ވެއްޓި ފުރޮޅިގަތުމުން ރެފްރީ ވަނީ ބެރްނާލްއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމަށްފަހު، ޔަމާލްއަށް ރީނދޫ ކާޑެއް ދައްކައިފައެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބެޓިސް ކޮޅަށް އޭގެ އިރުކޮޅެއް ފަހުން އެރިކް ގާސިއާ ބާސެލޯނާގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، މެޗުގެ ފަހުކޮޅު ޑެނީ އޮލްމޯ ވަނީ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ކާމިޔާބީއާއެކު ބާސެލޯނާއިން ވަނީ މި ސީޒަނުގައި އެ ޓީމު ކުޅުނު ހުރިހާ މުބާރާތެއްގެ ހުރިހާ މެޗަކުން މޮޅުވެ، 11 މެޗުގެ ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓައިފައެވެ.

ބާސެލޯނާ ދެން ނުކުންނާނީ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި، މި މުބާރާތުގެ ފަހުގެ ދެ ފަހަރުގެ ޗެމްޕިއަން ޕީއެސްޖީގެ ދަނޑުގައެވެ. ފްރެންޗް ލީގުގައި ހޮނިހިރު ދުވަހު ޕީއެސްޖީން ވެސް ވަނީ ފަހަތުން އަރައި 3-1 އިން ސްޓްރަސްބޯގް ބަލިކޮށްފައެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮސްމާން ޑެމްބެލޭ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް، ފަހުން އޭނާ ވަނީ ލަނޑެއް ޖަހައިފައެވެ. ޔޫރަޕްގެ އެހެން ލީގުތަކަށް ބަލާއިރު، ފާޑުކިޔުންތައް އަމާޒުވެފައިވާ މެންޗެސްޓާ ސިޓީ އިނގިރޭސި ޕްރިމިއާ ލީގުގައި މޮޅުވުމުގެ ރެކޯޑު ދެމެހެއްޓިއިރު، ޖަރުމަން ބުންޑެސްލީގާގައި ބަޔާން މިއުނިކުން ވަނީ ލައިޕްޒިގް ކޮޅަށް ހަ ލަނޑު ޖަހައިފައެވެ.

ލަލީގާގެ އެހެން މެޗުތަކަށް ބަލާއިރު، 89 ވަނަ މިނެޓުގައި އަލެކްސް ބައެނާ ޖެހި ލަނޑުން އެސްޕަންޔޯލްގެ މައްޗަށް 1-0 އިން އެތުލެޓިކޯ މެޑްރިޑް ވަނީ ކުރިހޯދައިފައެވެ. މިއީ ހުރިހާ މުބާރާތެއްގައި އެތުލެޓިކޯ ޖެހިޖެހިގެން މޮޅުވި ހަވަނަ މެޗެވެ. އެމެރިކާގެ އެލަން ޕޭސްގެ މިލްކުވެރިކަމުގައި އޮންނަ އެސްޕަންޔޯލް ކުޅުނު ނުވަ މެޗުގެ ތެރެއިން މިއީ ބަލިވި ފަސްވަނަ މެޗަށް ވުމާއެކު، އެ ޓީމުގެ ކޯޗު މަނޯލޯ ގޮންޒާލޭޒްއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ފަހުން ކުޅުނު މެޗުގައި ވެލެންސިއާ އާއި އެތުލެޓިކް ބިލްބާއޯ ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ގުޅުންހުރި ލިޔުންތައް