- Advertisement -spot_img

އިންވެސްޓަރުންނާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުން ހުއްޓާލުމަށް ވަޒީރު އިލްތިމާސްކުރައްވައިފި

ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދޮގު ވާހަކަތައް ފެތުރުމާއި ބިރުދެއްކުމުގެ އަމަލުތައް ހުއްޓާލުމަކީ ގައުމުގެ އިގުތިސާދީ ކުރިމަގަށްޓަކައި ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށް އިގުތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގެ ވާދަވެރިކަމުގެ ތެރެއިން، ރާއްޖެއާ ވާދަކުރާ ފަރާތްތަކަށް މިފަދަ ދޮގު މައުލޫމާތުތަކަކީ ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބިދާނެ ގެއްލުންތަކާމެދު އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖޭގެ އިގުތިސާދުގެ މައިތަނބަކީ ޓޫރިޒަމް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑްތައް ބަދަލުވަމުންދާއިރު، ނަފުރަތާއި ދޮގާއި ހަސަދައަކުން މި އިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިއެއްވެސް ހިނގަމުންދާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އިމުގެ ތެރޭގައި ކަމަށާއި، ގާނޫނާ ހިލާފު އެއްވެސް އަމަލަކަށް ޖާގަ ނުދެވޭނެ ކަމަށް ވަޒީރު ޔަގީންކަން ދެއްވިއެވެ. އެހެންކަމުން، ކަންކަމުގެ ހަގީގަތް ބެލުމެއްނెތި ދޮގު ހަބަރުތަކާއި ނަފުރަތު އުފެދޭ ވާހަކަތައް ފެތުރުން ވަގުތުން ހުއްޓާލުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް