ސައޫދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓަށާއި އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި ތިން މީހަކު މަރުވެ، 36 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ބުނެފިއެވެ.
މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުން ހިމެނެއެވެ.
ސައޫދީ ޕްރެސް އެޖެންސީ (އެސްޕީއޭ) މެދުވެރިކޮށް ގާކާ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ދެ އެއާޕޯޓަށް ވަކިވަކިން ހަމަލާދީފައިވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހު ކަމަށެވެ. އަދި މި ހާދިސާތަކާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކާއި ކުއްލި ހާލަތްތަކުގައި އަމަލުކުރާ ޕްލޭންތަކާ އެއްގޮތަށް ކަމާބެހޭ އިދާރާތަކާއި އިމަޖެންސީ ރެސްޕޮންސް ޓީމުތަކުން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަބްހާ އެއާޕޯޓަށް އަންގާރަ ދުވަހު ދިން ހަމަލާގައި މަރުވެފައިވަނީ އެ ޤައުމުގައި ދިރިއުޅޭ ބޭރުގެ ދެ މީހުންނެވެ. އެއީ މޮރޮކޯ އަންހެނަކާއި އަލްޖީރިއާގެ އަންހެނެކެވެ. މީގެއިތުރުން މި ހަމަލާގައި ސައޫދީ ރައްޔިތުންނާއި ބިދޭސީން ހިމެނޭހެން 28 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް ގާކާއިން މައުލޫމާތު ދެއެވެ. ޒަޚަމްވި ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝް މީހަކާއި ފިލިޕީންސް މީހަކު ހިމެނޭއިރު، މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތަކުން ފެށިގެން ސީރިއަސް އަނިޔާތަކެވެ.
ބުދަ ދުވަހު ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި މަރުވެފައިވަނީ ސޫދާނުގެ ރައްޔިތެކެވެ. މި ހަމަލާގައި އިތުރު އަށް މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ސައޫދީގެ ފަސް ރައްޔިތުންނާއި، މިސްރުގެ ދެ ރައްޔިތުންގެ އިތުރުން ޕާކިސްތާނުގެ ރައްޔިތަކު ހިމެނެއެވެ. މި އެންމެންނަށްވެސް ކުދި އަނިޔާތަކުން ފެށިގެން ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ދެ އެއާޕޯޓަށް ދިން ހަމަލާތަކުގައި އަނިޔާވި ހުރިހާ އެންމެންވެސް ސިއްހީ ފަރުވާ ދިނުމަށްޓަކައި ވަގުތުން ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާ ކަމަށް ގާކާއިން ބުންޏެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެއާޕޯޓުތަކުގެ ބައެއް މުދަލަށާއި ވަސީލަތްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ގާކާގެ ބަޔާނުގައި ބުނެފައިވަނީ، ހަމަލާތަކުގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށާއި ފެސިލިޓީތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސައޫދީގެ މަދަނީ އުދުހުންތަކުގެ ނިޒާމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.



