- Advertisement -spot_img

އޯއައިސީގެ ކޮރަޕްޝަނާ ދެކޮޅު މުއާހަދާގައި ބައިވެރިވާން ކޮމިޓީން ރުހުން ދީފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެކުލަވައިލާފައިވާ ”މައްކަތުލް މުކައްރަމާ“ މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީން އިއްތިފާގުން ފާސްކޮށްފިއެވެ.

ކޮމިޓީގެ މުގައްރިރު ހަސަން ޒަރީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ގާނޫނާ ހިލާފަށް މުއްސަނދިވެ، ދައުލަތުގެ އެސެޓްތަކަށް ހިޔާނާތްތެރިވުމަށްފަހު ފިލައިގެން ބޭރު ގައުމުތަކުގައި އުޅޭ މީހުންގެ މުދަލާއި އެސެޓްތައް އަނބުރާ ރާއްޖެއަށް ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ މުހިންމު އެއްބަސްވުމެކެވެ.

މި މުއާހަދާގައި ބައިވެރިވުމާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް އެކަމަށް ތާއީދުކޮށްފައިވާތީ، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޓީފުޅަކުން އެދިވަޑައިގެންފައެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއީ ރައްޔިތުން ސީދާ އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭ މުއާހަދާއަކަށް ނުވިނަމަވެސް، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ދައުލަތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރެވޭނީ މަޖިލީހުން ފާސްކުރުމަށްފަހުގައެވެ.

އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި އިސްލާމީ ނަޒާހަތްތެރިކަން ކުރިއަރުވައި ކޮރަޕްޝަން ހުއްޓުވުމަށް އެކުލަވައިލި މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމުގެ މައްސަލަ ކޮމިޓީން ނިންމި ގޮތަށް އެންމެ ފަހުގެ ނިންމުން ނިންމުމަށްޓަކައި ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.

ގުޅުންހުރި ލިޔުންތައް