އިނގުރައިދޫ ބަލިކޮށް އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ޒޯން 2 ގެ ޗެމްޕިއަންކަން ރ. ދުވާފަރުން ހޯދައިފިއެވެ.
ޒޯން 2 ގެ ޗެމްޕިއަންކަން ދުވާފަރުން ހޯދީ ރޭ ނ. މަނަދޫގައި ރ. އިނގުރައިދޫއާ ކުޅެގެން 1 – 0 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗްގައި ދެ ޓީމުން ވެސް ވަނީ ވާދަވެރި ކުޅުމެއް ކުޅެފައެވެ. މެޗްގެ ގިނަ ވަގުތު ގޯލެއް ނުފެނި ދިޔުމަށްފަހު ފުރަތަމަ ހާފް ނިމެންދަނިކޮށް ދުވާފަރުން ވަނީ ގޯލެއް ޖަހާފައެވެ. ދުވާފަރު ޓީމަށް މި ގޯލް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ އިޝާމް (ސަންޓޭ) އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ދުވާފަރު ޓީމުގެ ގޯލް ކީޕަރު އިބްރާހިމް ނަދީމް އާދަމް އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދެ ޓީމަކީ ރ. އަތޮޅުގެ ފުޓްސަލްގައި މި ފާއިތުވި 8 ވަރަކަށް އަހަރު ކުޅެވުނު އެކި މުބާރާތްތަކުގެ ފައިނަލް މެޗްތަކުގައި ކުޅެފައިވާ ދެ ޓީމެވެ. އެގޮތުން އެފްއޭއެމް އަތޮޅު ޗެމްޕިއަންޝިޕްގައި އަތޮޅު ފައިނަލްގައި ވާދަކުރީ ވެސް މި ދެ ޓީމެވެ. އެ މެޗް ކާމިޔާބުކުރީ ދުވާފަރުންނެވެ.

މުޅި މުބާރާތުން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ސައްތައިންސައްތަ ރަށު ކުޅުންތެރިންނާއި އެކު ރ. ދުވާފަރު ޓީމުން ދެއްކި މޮޅު ކުޅުމެވެ. ފެންވަރު ރަނގަޅު ސްޓޭންޑަޑް ފުޓްސަލް ދަނޑެއްގެ ވަސީލަތް ނެތް ނަމަވެސް، އެފްއޭއެމް އިން މުޅި ރާއްޖެއަށް ހުޅުވައިލާގެން ބާއްވާ މުބާރާތުގެ ނޯތް ޒޯން 2 ގެ ޗެންޕިއަންކަން ހޯދުމަކީ ދުވާފަރުގެ ކުޅުންތެރިންގެ ހުނަރުވެރިކަމާއި އަޒުމް ވަރަށް ފުރިހަމައަށް ހާމަކޮށްދޭ ކަމެކެވެ.
މިކާމިޔާބީއާއި ގުޅިގެން ދުވާފަރު ދާއިރާގެ މެންބަރު ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އެފްއޭއެމް ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ ފައިނަލުގައި އިނގުރައިދޫ އާ ވާދަކޮށް، ވާދަވެރި މޮޅު ކުޅުމަކަށްފަހު ދުވާފަރުގެ ހުނަރުވެރި ޒުވާން ޓީމުން ޗެންޕިއަންކަން ހޯދާ، ރީޖަނަލް ބުރަށް ކޮލިފައިވެފައިވާތީ، ދުވާފަރު ޓީމަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި %100 ދުވާފަރު ކުޅުންތެރިންނާއެކު މުބާރާތަށް ނިކުމެ، ޒޯންގެ އެންމެ އުހަށް ދިއުމަކީ ރައްޔިތުން އުފާކޮށް ފަޚުރިވެރިވާ ކަމެއް ކަމަށް މެންބަރުގެ މެސެޖުގައި ފާހަގަ ކުރަމުން ރީޖަނަލް ބުރުގަވެސް ޓީމަށް ކާމިޔާބާއި ކުރިއެރުން އެދެން އެދޭކަން ވަނީ ފާހަގަ ކުރައްވާފައެވެ.



