- Advertisement -spot_img

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގައި ގެއްލުމުގެ ބަދަލު ދެވޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު ވިއްކައި، އެ ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދެވޭ ގޮތަށް އެކުލަވައިލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޣައިރުޤާނޫނީ ގޮތުގައި ހޯދާ މުދަލުން އިތުރު މާލީ މަންފާއެއް ހޯދުމުގެ ފުރުޞަތު ނައްތާލައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ވަރުގަދަ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުންކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކުށް ސާބިތުވެގެން މުދާ ނެގުމުގެ އިތުރުން، އިސްތިސްނާ ޙާލަތްތަކުގައި ކުށް ސާބިތުނުވި ނަމަވެސް އެފަދަ މުދާ ދައުލަތަށް ނެގޭނެ އުޞޫލުތައް ވަނީ ހިމަނާފައެވެ. އަދި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ކޮށްފައިވާ ކުށްތަކުން ހޯދި މުދަލާމެދު ވެސް މި އުޞޫލުން ފިޔަވަޅު އެޅޭނެއެވެ.

މީގެ އިތުރުން، ތުހުމަތުކުރެވޭ މުދާ ފޮރުވުން ނުވަތަ އެހެން ފަރާތަކަށް ބަދަލުކުރުން ހުއްޓުވުމަށް ’ރިސްޓްރެއިންޓް އަމުރެއް‘ ނެރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭއިރު، ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ކޯޓު އަމުރަކާ ނުލައި ’އޮޓޮމެޓިކް ފޯފީޗަރ‘ ގެ ދަށުން ވެސް މުދާ ނެގޭނެ މި ބިލުގެ ދަށުން މުދާ ނެގޭނެ 15 ކުށެއް ވަނީ ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި ޓެރަރިޒަމް، ޓެރަރިޒަމަށް ފައިނޭންސް ކުރުން، މަސްތުވާތަކެތީގެ ވިޔަފާރި، މީހުން ޓްރެފިކް ކުރުން، ކޮރަޕްޝަން، އަދި 500،000 ރުފިޔާއިން ފެށިގެން މަތީގެ ޓެކްސް އޮޅުވާލުމާއި، 100،000 ރުފިޔާއަށް ވުރެ މަތީގެ ފޭރުމާއި ވައްކަން ފަދަ ޖިނާއީ ބޮޑެތި ކުށްތައް ހިމެނޭނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ނެގޭ މުދާ ބަލަހައްޓައި، އަގުމަގުކޮށް، އަދި ގެއްލުން ލިބޭ ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ހިންގުމަށް ”އެސެޓް މެނޭޖްމަންޓް އޮތޯރިޓީ“ ގެ ނަމުގައި މާލީ ވުޒާރާގެ ދަށުން ހިނގާ މިނިވަން އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ޖެހޭނެއެވެ.

މީގެ އިތުރުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާއި ކުށް ހުއްޓުވުމުގެ ޚަރަދުތައް ބެލެހެއްޓުމަށް ޚާއްޞަކޮށްގެން ”ރިކަވާޑް އެސެޓް ފަންޑު“ ޤާއިމުކުރަން ވެސް މި ބިލުގައި ވަނީ ލާޒިމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް