މިއަދު ހަވީރު މާލޭގެ ތިން ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ އީދު ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ދިފާއީ ވުޒާރާއާއި، ގައުމީ ދިފާއީ ބާރާއި، ދިވެހި ފުލުހުންގެ ހިދުމަތާ ދައުލަތުގެ ބައެއް ކުންފުނިތައް ގުޅިގެން މާލޭގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ އީދު ހަވީރު ބައްލަވައިލައްވައި އެތަނަށް ޒިޔާރަތްކުރި އާއިލާތަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ވަނީ ބައްދަލުކުރައްވައި ސަލާމްކުރައްވައިފިއެވެ.
ސަލްޓަން ޕާކާއި އިސްލާމީ މަރުކަޒު ބޭރުގައި ޝަހީދުންގެ ބިނާ ކުރިމަތީ އޮންނަ މައިދާނާއި ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި މި ހަވީރުގައި ސަރުކާރު ކުންފުނިތަކުން ތަފާތު ސްޓޯލުތައް ތައްޔާރުކޮށްފައި ހުއްޓެވެ. ކޮންމެ ސްޓޯލެއްގައިވެސް ކުޑަކުދިން ޝައުގުވެރިވާ ތަފާތު ހަރަކާތްތައް އިންތިޒާމުކޮށްފައިވެއެވެ.

މިހަވީރުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އިހުގެ އާދަކާދަތަކާއި ސަގާފަތްތައް ދައްކުވައިލުމާއި، އިހުގެ ދިވެހިވަންތަ ކުޅިވަރުތަކާއި، ކުޑަކުދިންގެ މެދުގައި މަގުބޫލު ޒަމާނީ ކެރެކްޓާސްވެސް ފެނިގެންދިޔައެވެ.
އޭގެ އިތުރަށް އެމްއެންޑީއެފާއި ފުލުހުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ފުލުހުންގެ އުޅަނދުތައް ކުޑަކުދިންނަށް ދައްކައިލުމާއި އެ އުޅަނދުތަކަށް އެރުމުގެ ފުރުސަތު ކުޑަކުދިންނަށް ދިނުމާއި، ފޮޓޯ ނެގުމުގެ މިނިވަންކަން ދިނުން ފަދަ ކަންކަން ހިމެނެއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ގޭމިން ސްޓޯލުތަކާއި ފިއުޝަން ޝޯއެއް ދައްކައިލިއެވެ. ޖުމްހޫރީ މައިދާނުގައި ފެނުގެ އެކި ކުޅިވަރުތައްވެސް އިންތިޒާމުކޮށްފައި ހުއްޓެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމަށް ގިނަ ބަޔަކު ކުޑަކުދިން ގޮވައިގެން އެ ސަރަހައްދަށް ވަނީ ގޮސްފައެވެ. ރައީސްވަނީ އެ ތަނުގައި ތިބި ކުޑަކުދިންނާއި އެކުދިންގެ މައިންބަފައިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވާފައެވެ. އަދި އެތަނުގައި ތިބި އާއްމުންނާ ސަލާންކުރައްވައި އީދުގެ ތަހުނިޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފުވެސް މިއަދުގެ ހަވީރަށް ވަޑައިގެން އެތަނުގައި ތިބި މީހުންނާއެކު ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އާއިލާތަކާއެކު ވަގުތު ހޭދަކުރެއްވިއެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ޒަވީރުންނާއި އެހެނިހެން އިސްބޭފުޅުންވެސް މި ހަވީރުގައި ވަނީ ބައިވެރިވެފައެވެ.



