- Advertisement -spot_img

އައު ޤާނޫނުން މަގުމަތީގެ ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ: ބަންޑާރަނައިބު

ބަންޑާރަނައިބު މިފަދައިން ވިދާޅުވީ ދައުލަތުގެ އެކި ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ކުރިއަށްގެންދާ ”އަހާ“ ފޯރަމްގެ 8 ވަނަ ޕްރޮގްރާމުގައި މިރޭ ކުރިމަތި ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

1 އޮކްޓޫބަރު 2026 ވީ ބުރާސްފަތި ދުވަހު އަމަލުކުރަން ފަށާފައިވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި މާލެ ސަރަހައްދުގެ ދަތުރުފަތުރާ ގުޅޭ ވަކި މާއްދާއެއް ސަރުކާރުން ހިމަނާފައިވަނީ މާލެ ސިޓީ ކައުންސިލުގެ ބާރުތައް ސަރުކާރަށް ނެގުމަށް ކަމަށް މޭޔަރު އާދަމް އާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން، މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރާ އުޅަނދުތަކުން ނަގާ ފީތައް މާލެ ސިޓީ ކައުންސިލަށް ދޭން ނުޖެހޭގޮތަށް ޤާނޫނަށް ގެނައި އިސްލާހުތައް މޭޔަރު ފާހަގަކުރެއްވިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި ބަންޑާރަނައިބު ވިދާޅުވީ އެއްގަމު ދަތުރުފަތުރާ ގުޅިގެން މީގެ ކުރިން އަމަލުކުރަމުން އައި ޤާނޫނަކީ 15 އަހަރު ދުވަސްވެފައިވާ ޤާނޫނެއް ކަމަށާއި އެ ޤާނޫނު އިސްލާހު ކުރުމުގައި ގިނަ ގޮންޖެހުންތައް ހުރި ކަމަށެވެ. އަދި މިހާރު އަމަލުކުރަން ފަށާފައިވާ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ޓްރެފިކާ ގުޅިގެން ހުރި ގިނަ މައްސަލަތަކަަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ އުޅަނދުތަކުން ފީ ނެގުމުގެ އެންމެ ބޮޑު މަޤުޞަދަކީ އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ރަށެއްގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ޚަރަދު ކުރުން ކަމަށެވެ. މާލެ ސަރަހައްދަކީ ޓްރެފިކްގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ ސަރަހައްދަށްވާއިރު މިހާތަނަށް މާލޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުން ނަގާ ފީ ކައުންސިލަށް ޖަމާވި ނަމަވެސް ކައުންސިލުން ޓްރެފިކް މައްސަލަ ހައްލުކުރަން ޚަރަދުނުކުރާކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ އުޅަނދުތަކުން ނަގާ ފީތައް ޖަމާކުރެވޭނީ ވަކި ފަންޑަކަށް ކަމަށާއި އެ ފަންޑު މެނޭޖު ކުރެވޭނީ ވަޒީރުން ހިމެނޭހެން އެކުލާވައިލެވޭ ރޯޑް ސޭފްޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށެވެ. އެެހެންކަމުން އެ ފައިސާ ރަނގަޅުގޮތުގައި ޚަރަދު ކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަމަލުކުރެވި، ކަންކަން ތަންފީރުކުރެވެމުންދާ މިންވަރަކުން އެ ޤާނޫނުގެ މުހިންމުކަމާއި އެ ޤާނޫނުން ލިބިގެންދާ ފައިދާތައް ރައްޔިތުންނަށް ފެނިގެންދާނެކަމުގެ ޔަޤީންކަންވެސް ބަންޑާރަނައިބު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް