އަންގާރަ, ޖޫން 17, 2025
spot_img
- Advertisement -spot_img

ކުޅިވަރުގެ 77 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއި ހަވާލުކޮށްފި

ކުޅިވަރުގެ 77 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.

ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން ހަރުދަނާ ގޮތެއްގައި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުގެ އެސްއޯއީތަކާއި ހަވާލުކޮށް، ކުޅިވަރުގެ ތެރެއިން އުފާވެރިކަން ގެނެސްދިނުމަކީ ސަރުކާރުގެ އަމާޒެވެ.

ކުޅިވަރު ވުޒާރާއިން 77 މަޝްރޫޢު ހަވާލުކޮށްފައިވާ ތިން ކުންފުންޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑެވެ.

މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ ރިޓެއާޑް އަޙްމަދު ސައުދީއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ބްރެގޭޑިއަރ ޖެނަރަލް ރިޓެއާޑް ޢަލީ ޒުހައިރުއެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާޙުއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 26 ކުޅިވަރު މަޝްރޫޢެކެވެ. އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ 11 އައުޓްޑޯ ޖިމް ތަރައްޤީކުރުމާއި، 10 ފިޓްނަސް ރެކްރިޢޭޝަން ސެންޓަރު ތަރައްޤީކުރުމުގެ އިތުރުން ތިން ފުޓްބޯޅަ ދަނޑާއި، ވޮލީބޯޅަ ދެ ކޯޓު އެޅުމެވެ.

ފެނަކައާ ހަވާލުކޮށްފައިވާ 28 މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 16 އައުޓްޑޯ ޖިމްތަކާއި، 11 ފިޓްނަސް ރެކްރިއޭޝަން ސެންޓަރުތަކުގެ އިތުރުން ފުޓްބޯޅަ ދަނޑެެއް އެޅުމެވެ.

މީގެ އިތުރުން އާރުޑީސީއާ ހަވާލުކުރެވުނު މަޝްރޫޢުތަކަކީ ހަތް އައުޓްޑޯ ޖިމް ތަރައްޤީކުރުމާއި، ހަތް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމާއި، ފަސް ފުޓްސަލް ދަނޑު އެޅުމާއި، ފުޓްބޯޅަ ތިން ދަނޑު އެޅުމުގެ އިތުރުން ބެޑްމިންޓަން ކޯޓެއް އެޅުމެވެ.

ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީއްޔާތުގައި 77 މަޝްރޫޢު ތަރައްޤީކުރާ ދާއިރާތަކުގެ މަޖިލިއް މެންބަރުންނާއި، ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް