- Advertisement -spot_img

ޅައިމަގު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ށ. ޅައިމަގު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

ޅައިމަގު ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ވަޒީރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޅައިމަގު ކައުންސިލްގެ އިސްވެރިންނާއި، އެ ރަށު ޞިއްޙީ މަރުކަޒުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޚިދުމަތް ފެށުމުގެ ކުރިން، އާދައިގެ ކުޑަ ޓެސްޓެއް ހަދަން ޖެހުނު ނަމަވެސް ޅައިމަގު ރައްޔިތުންނަށް މަޖުބޫރުވަނީ އެ ޚިދުމަތް ލިބެން ހުންނަ އެހެން ރަށްރަށަށް ދަތުރުކުރާށެވެ. ނަމަވެސް، މިއަދު އެ ރަށު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޤާއިމުވެގެން ދިއުމާއެކު، އަމިއްލަ ރަށުގައި ތިބެގެން ލޭގެ ޓެސްޓުތަކާއި އެހެނިހެން އަސާސީ ޓެސްޓުތައް ހެދުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައެވެ.

އަލަށް ފެށުނު ޚިދުމަތާއެކު ދަތުރުފަތުރަށް ހިނގާ ޚަރަދާއި، އެކަމަށް ހޭދަވާ ވަގުތު ސަލާމަތްވެ، ރަށުގެ ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ވަކިން ޚާއްޞަކޮށް، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ގޮވައިގެން ކަނޑު ދަތުރުކުރަން ނުޖެހި، ރަށުން ފަރުވާ ލިބޭނެ މަގު ފަހިވުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އެ ރަށު ރައްޔިތުން ޤަބޫލުކުރެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. ޅައިމަގުގައި ހުޅުވިގެން މިދިޔަ ލެބޯޓަރީއަކީ އެ ވަޢުދުފުޅުގެ ދަށުން މި ސަރުކާރުން އަތޮޅުތަކުގައި ޚިދުމަތް ދޭން ފެށި 20 ވަނަ ލެބޯޓަރީއެވެ.

ޅައިމަގުގެ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައެވެ. އެގޮތުން ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ކުރާއިރު ޚިދުމަތް 16 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށާއި، އަދި އައު އިމާރާތް ތަރައްޤީ ކުރަނީ 4 އެނދާއި ލެބޯޓަރީ އަދި އެހެނިހެން ވަސީލަތްތައް ހިމަނައިގެންކަން ވެސް ރައީސް ވަނީ އޭރު ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް