- Advertisement -spot_img

އަމީނީ މަގުގެ މަރާމާތުކުރި ސަރަހައްދު އަލުން ހުޅުވައިފި

އަމީނީ މަގުން މަރާމާތުކުރި ސަރަހައްދުގެ މަސައްކަތް ނިންމައި، އާންމު ދަތުރުފަތުރަށް އަލުން ހުޅުވާލާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށެވެ. އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންގޮސްފައިވަނީ ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ ސެގްމަންޓް 1 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދާއި، ސެގްމަންޓް 2 ގެ ގޮތުގައި ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގެ ހަތަރުއަނގޮޅި ކަންމައްޗެވެ.

މި ދެ ސެގްމަންޓުގެ މަސައްކަތް އެއްކޮށް ނިންމައި، މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލައިފައެވެ.

މި މަޝްރޫއުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކަށް ބަލާއިރު، ސެގްމަންޓް 1 ގައި ކުރިން އަޅާފައިވާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އަދި ތާރު ނެގުމަށްފަހު، 2794.062 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި އޭބީސީ ލޭޔަރ އެޅުމަށްފަހު އަލުން ވަނީ ތާރުއަޅައިފައެވެ. އަދި ސެގްމަންޓް 2 ގެ ދަށުން 133.64 އަކަމީޓަރުގެ ސަރަޙައްދަކުން ކުރީގެ ތާރު ނަގައި، އޭބީސީ އެޅުމަށްފަހު ވަނީ އަލުން ތާރުއަޅައިފައެވެ.

އަމީނީ މަގުގެ ހުޅަނގު ފަރާތުން މަރާމާތުކުރަން ޖެހުނީ އެ ސަރަހައްދުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުވެ، އަޑިގުޑަންތައް ގިނަވުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުންނެވެ. މި ސަރަހައްދަކީ އާންމު ބަހުގެ ހިދުމަތުގެ އިތުރުން ގިނަ އަދަދަކަށް ހެވީ ވެހިކަލް ވެސް ދަތުރުކުރާ މުހިންމު ސަރަހައްދެކެވެ.

ގުޅުންހުރި ލިޔުންތައް