ދުނިޔޭގެ މަޝްހޫރު އިޓަލީ ކޮފީ ބްރޭންޑެއް ކަމަށްވާ ”ކެފޭ ބާބެރާ“ ގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓެލްގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މި އައުޓްލެޓް ސޮފްޓް އޯޕަނިންގ އަކާއެކު ހުޅުވާފައިވަނީ 1 އޮކްޓޯބަރު 2026 ގައެވެ.
ކެފޭ ބާބެރާ ރަސްމީކޮށް ހުޅުވައިދެއްވީ ޝަރަފުވެރި މެހެމާން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އާއި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ނަޢީމްގެ އިތުރުން އެ ކުންފުނީގެ އެހެނިހެން ޑިރެކްޓަރުންނެވެ.
މެންހަޓަން ގްރޭންޑް ހޮޓެލްގެ ގްރައުންޑް ފްލޯ ލޮބީގައި ހުންނަ މި ކެފޭއަކީ ހޮޓަލުގެ މެހެމާނުންނާއި، ހުޅުމާލޭގެ ރައްޔިތުންގެ އިތުރުން އެ އަވަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް އިޓަލީގެ އަސްލު ކޮފީގެ ތަޖުރިބާ ލިބިގެންދާނެ ތަނެކެވެ. ހިތްފަސޭހަ މާޙައުލެއްގައި ޚިދުމަތްދޭ މި ކެފޭއިން ތަފާތު ވައްތަރުގެ ހޫނު އަދި ފިނި ކޮފީތަކުގެ އިތުރުން، ފޮނި އަދި ކުޅި ޕޭސްޓްރީގެ އެކި ބާވަތްތައް ލިބެން ހުންނާނެއެވެ.
މިއީ ކެފޭ ބާބެރާ އިން ދިވެހިރާއްޖޭގައި ހުޅުވި ފުރަތަމަ އައުޓްލެޓް ކަމަށްވާއިރު، މިއާއެކު ރާއްޖޭގެ ކެފޭ ސަގާފަތަށް އިތުރު ފުރިހަމަކަމަކާއި ބައިނަލްއަޤްވާމީ ފެންވަރުގެ އާ ތަޖުރިބާއެއް އިތުރުވެގެންދާނެއެވެ.



