- Advertisement -spot_img

ސަރުކާރުގެ އެހީގައި މިހާތަނަށް 28 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުވިއްޖެ: ޤީލާ

ސަރުކާރުގެ އެހީގައި މިހާތަނަށް 28 ކުއްޖަކު ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ޤީލާ ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ދާއިމީ ފަރުވާއެއް ހޯދައިދިނުމަށްޓަކައި ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާ ދެމެދު 21 ފެބުރުއަރީ 2024 ގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކަށް، ބޮލަކަށް އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނެ ގޮތުގެ މަތިން ޖުމުލަ 10 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިންތިޒާމުގެ ތެރެއިން މިހާތަނަށް 28 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވި، ފަރުވާގެ ކަންކަން ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”ބޯންމެރޯ ޓްރާންސްޕްލާންޓުގެ ހިދުމަތުގެ ދަށުން 28 ތެލެސީމިއާ ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް މިހާރު ވަނީ ފޮނުވިފަ. ކޮންމެ އަހަރަކު 10 ކުއްޖަކު ފޮނުވުމަށް ހަމަޖެހިފައިވާއިރު ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާ ހަރަދުކުރެވޭ.“ – މިނިސްޓަރު ޤީލާ ވިދާޅުވިއެވެ.

މިނިސްޓަރު މި މޭރުމުން ވިދާލުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދާއިމީ އަދި ލުއިފަސޭހަ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ މުހިންމު ސިޔާސަތެކެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ދައުލަތުގެ ހަރަދުގައި މިފަދަ އަގުބޮޑު ފަރުވާތައް ހަމަޖައްސައިދިނުމަކީ ތެލެސީމިއާ ކުދިންނަށް އުންމީދީ އަދި ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

ސަރުކާރުގެ އަމާޒަކީ އެއްވެސް ތެލެސީމިއާ ކުއްޖަކު ބާކީނުކޮށް، އެ ކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގައި ދެމިއޮތުން ކަމަށް މިނިސްޓަރު ޤީލާ އިތުރަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް