- Advertisement -spot_img

ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވާ ސަރުކާރެއް ހިންގެވުމަށް ރައީސް އިސްކަންދެއްވާ

މިއީ ވަރަށް ހާމަކަން ބޮޑުކޮށް ދުވަސްތައް ގުނަމުންދާ ސަރުކާރެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގައި ރޭ ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ސަރުކާރުންނާއި ވަޒީރުން ކުރަނީ ކީއްތޯ ބަލަން ރައްޔިތުން ބޭނުންވާ ކަމަށާއި އަދި ވެރިކަމަށް އަންނަން ވިއްކި މެނިފެސްޓޯ ތަންފީޒުވާ މިންވަރު ވެސް ބަލަން ރައްޔިތުންނަށް ބޭނުންވާ ކަމަށެވެ. މި ސަރުކާރު ކުރިއަށްދަނީ ވަރަށް ހާމަކަން ބޮޑު ގޮތަކަށް ކަމަށާއި މިއީ ހުރިހާ ކަމެއް ރައްޔިތުންނާއި ގާތުން ހިއްސާކުރަމުންދާ ސަރުކާރެއް ކަމަށްވެސް ވިދާޅުވިއެވެ.

”މި ސަރުކާރަކީ ވަރަށް ހާމަކަން ބޮޑުކޮށް ސަރުކާރުގެ ދުވަސްތައް ގުނަމުންދާ ސަރުކާރެއް. މިހެން މި ދަންނަވަނީ ކުރަމުންދާ ހުރިހާ ކަމެއް ރައްޔިތުންނާއި ގާތުން ހިއްސާ ކުރަމުންދާ ސަރުކާރަކަށް ވާތީ. ވަކީން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަން ދެއްވާ ވުޒާރާތަކުން ކުރާ ކަންތައްތައް، ވުޒާރާތަކުގައި ހުންނަ މައުލޫމާތުތައް، ރައްޔިތުންނާ ހިއްސާކުރެވެން ހުރި މައުލޫމާތުތައް އެންމެ ފުރިހަމަ ގޮތުގައި ހިއްސާކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ،“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތައް ތިބީ ވަރަށް ހާލުގައި އިނދަޖެހިފައިވާ ކަމަށެވެ. އެގޮތަށް ދިމާވީ އަމިއްލަ ކުންފުނިތަކުގެ ހާލަތަށް ބެލުމެއް ނެތި މަހުގެ އަގަށް ބަދަލު ގެނައުމާއި ސިޔާސަތުތައް ކަނޑައެޅި ގޮތުން ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އެންމެން ގުޅިގެން ކުރި މަސައްކަތުން މަސްވެރިކަމުގެ ސިނާއަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަަމުގައިވެސް ޝިޔާމު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް