- Advertisement -spot_img

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަން 2026 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެއްޖެއެވެ.

މި އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.

އެސްޓީއޯ އިން ބުނީ، މި އަހަރުގެ އެގްޒިބިޝަންގައި އެ ކުންފުނީގެ ސްޓޯލް ހާއްސަކޮށްފައިވަނީ އެ ކުންފުނީގެ ޖެނެރަލް ޓްރޭޑިންގ، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާރޖީގެ ހިދުމަތްތަކަށް ކަމަށެވެ. އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާކެޓުން ލިބެން ހުންނަ ބައެއް އުފެއްދުންތައް ބޭނުންކޮށްގެން ވަގުތުން ލުއިކާނާ ތައްޔާރުކުރާ ސްޓޭޝަނެއް އެސްޓީއޯގެ ސްޓޯލްގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން، އެގްޒިބިޝަން ކުރިއަށްދާ ތިން ދުވަހު ވެސް “ކޮފީސްޓޭޓް” ގެ ވަކި ބުއިންތަކެއް ހިލޭ ލިބޭނެ އިންތިޒާމު އާއި އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ ތަފާތު ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތުވެސް އެ ކުންފުނީގެ ސްޓޯލުން ފޯރުކޮށްދޭނެ ކަމަށް ބުންޏެެވެ.

އެސްޓީއޯ އިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި އެގްޒިބިޝަންގެ ތެރެއިން އެސްޓީއޯއިން މުޅިން އާ ބްރޭންޑެއް ތަޢާރަފްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި ބްރޭންޑް ތައާރަފްކުރުން އޮންނާނީ އެގްޒިބިޝަންގެ ދެވަނަ ދުވަހުއެވެ. މި އާ އުފެއްދުން ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމާއި ފޮނިކާތަކެތީގެ ރަހަ ބަލާލުމުގެ ފުރުސަތުވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، އެސްޓީއޯ އެނާރޖީގެ ފަރާތުން ރިޒޯޓު ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ތެޔޮ އުފުލައިދިނުމުގައި އެސްޓީއޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ދިނުމާއި، މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑުތައް ހުރިނެތްގޮތް ބެލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް މިފަހަރު ވަނީ ހުޅުވާލާފައެވެ. އެގޮތުން “ރެޖިސްޓަރ އެންޑް ވިން” ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނުގައި، ސްޓޯލަށް ޒިޔާރަތްކޮށް ރަޖިސްޓްރީވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކޮންމެ ދުވަހަކުވެސް ނަސީބުވެރި އެއް ފަރާތަކަށް އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި “ފޮލޯ އެންޑް ވިން” ހަރަކާތުގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖް ފޮލޯކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއް ލިބުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް