- Advertisement -spot_img

ފަތުރުވެރިކަން ކުރިއަރުވަން އޭއައި އާއި ޑިޖިޓަލް އީޖާދުތައް ބޭނުންކުރުން މުހިންމުކަމަށް ރައީސް ވިދާޅުވެއްޖެ

ފަތުރުވެރިކަން ކުރިއެރުވުމަށް ޑިޖިޓަލް އީޖާދުތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ. މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ ”ޑިޖިޓަލް އެޖެންޑާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް ޓު ރީޑިޒައިން ޓޫރިޒަމް“ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އިހުލާސްތެރި ޝުކުރު އަދާކުރެއްވި އެވެ. އަދި ގައުމީ ތަރައްގީގައި މި ދާއިރާގެ ދައުރު ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުން އާރާސްތުވެ، ރަށްރަށުގައި ފުރުސަތުތައް ފަހިވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހިންނާ ދެމެދު އޮތް ގުޅުން ބަދަހިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑިޖިޓަލް ޓެކްނޮލޮޖީއާއި އޭއައިގެ ސަބަބުން މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފަތުރުވެރިން ދަތުރުތައް ރޭވުމުގައާއި މަންޒިލްތައް އިހުތިޔާރުކުރުމުގައި މި ވަސީލަތްތައް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މި ކުރިއެރުންތަކުގެ ސަބަބުން ފަތުރުވެރިންނާ އޮންނަ ގުޅުން ބަދަހިކޮށް، ހިދުމަތްތައް ފުޅާކޮށް، ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ޑިޖިޓަލް ދުނިޔޭގައި ކުރިއަރައި ދިއުމަށްޓަކައި ޑިޖިޓަލް އީޖާދުތަކާއި ހުނަރުތަކަށް އިންވެސްޓްކުރުން މުހިންމު ނަމަވެސް، ދިވެހި ފަތުރުވެރިކަމުގެ އަސްލު ކަމުގައިވާ ހިތްހެޔޮކަމާއި މެހެމާންދާރީ ދެމެހެއްޓުން ލާޒިމު ކަމަށެވެ. އެގޮތުން ޓެކްނޮލޮޖީ ވާންވާނީ އިންސާނީ ގުޅުންތަކާއި ހިދުމަތްތައް އިތުރަށް ފުރިހަމަކޮށްދޭ އެއްޗަކަށް ކަމަށާއި، އިންސާނީ ހިދުމަތުގެ ބަދަލުގައި ބޭނުންކުރާ އެއްޗަކަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ރަސްމީ އެކްސް އެކައުންޓު މެދުވެރިކޮށް ވެސް ހިއްސާކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ދެމެހެއްޓެނިވި، ވިލުންވެރި އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތެއް ބިނާކުރުމަށްޓަކައި ޑިޖިޓަލް ފުރުސަތުތަކުގެ ބޭނުން ހިފުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް