ޤައުމު ކުޑަޔަސް ބޮޑަސް، އަމިއްލަ މުސްތަޤްބަލް ބައްޓަންކުރުމުގެ އިޚްތިޔާރާއި ޤާބިލުކަން ކޮންމެ ދައުލަތަކަށްވެސް ލިބެންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިފަދައިން ވިދާޅުވީ، ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި މިއަދު ތަޤްރީރު ކުރައްވަމުންނެވެ.
ކުދި ޤައުމުތަކަށް ބޭރުގެ ނުރައްކާތަކާއި ނުފޫޒު ފޯރުވުމުގެ އަމަލުތަކުން ކުރިމަތިވާ ނާޒުކުކަމާމެދު ފިޔަވަޅު އެޅުމަށް، މީގެ 37 އަހަރު ކުރިން، ދިވެހިރާއްޖެއިން އާންމު މަޖިލީހުގައި ގޮވާލި ގޮވާލުމުގެ މަތިން ހަނދާންކޮށްދެއްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއަދުވެސް މި އުސޫލު މުހިންމުކަމަށާއި، ނަމަވެސް، ކުދި ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް މިހާރު ބަދަލުވެފައިވާކަމުގައެވެ. މިގޮތުން، ކަނޑު ދަތުރުފަތުރުކުރާ މަގުތަކަށާއި، ސަޕްލައި ޗެއިންތަކަށާއި، މާލީ ބާޒާރުތަކަށާއި، ޑިޖިޓަލް ނެޓްވޯކްތަކުގެ އިތުރުން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ތެރެއިންވެސް މި ނުރައްކާ ފެތުރިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާ ކަނޑަކީ ޞުލްޙަވެރި އަދި ވިޔަފާރިއަށް ހުޅުވިފައިވާ ތަނެއްގެ ގޮތުގައި ދެމިއޮންނަންޖެހޭނެކަމަށާއި، ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ކުދި ޤައުމުތަކުގެ އިޚްތިޔާރުތަކަށް ހުރަސްއެޅިގެން ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ހުރްމުޒް ކަނޑުއޮޅިން ކަނޑުދަތުރުފަތުރަށް އަންނަ ހުރަސްތަކުގެ ސަބަބުން ތެލުގެ އަގަށާއި، ކާބޯތަކެތީގެ ސަޕްލައިއަށާއި، ވައިގެ ދަތުރުފަތުރަށް، އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާފައެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއި ސަޢޫދީ ޢަރަބިއްޔާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ބަޙްރައިން، ޤަޠަރު، ކުވައިތު، ޢުމާން އަދި އުރުދުންއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކުރައްވައި، ޙާލަތު ފިނިކުރުމަށް ޢުމާން، ޕާކިސްތާން އަދި ޤަޠަރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ތަޢުރީފުކުރެއްވިއެވެ.
ފަލަސްޠީނުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމާއި ހަނގުރާމައިގެ ޖަރީމާތައް އަދިވެސް ކުރިއަށްދާކަމަށާއި އެކަން ހަމައެކަނި ޣައްޒާއާ ހިސާބުން ނުނިމޭކަން ފާހަގަކުރައްވާފަށެވެ. އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ބިންތަކަށް އަރައިގަނެ، އެ ބިންތައް ހިފުމާއި ޣައިރު ޤާނޫނީ އާބާދީތައް ކުރުން ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަފާތުކުރުމެއްނެތި ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ. އަދި އިންސާނީ އެހީތެރިކަން، ރައްކާތެރިކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ ކޯޓުތަކުގެ ނިންމުންތަކާއި އދ. ގެ ޤަރާރުތަކަށް އިޙްތިރާމްކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށާއި، އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ދިވެހިރާއްޖެއިން ކުރަމުންދާ ވަކާލާތު، އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކުދި ޖަޒީރާ (ސިޑްސް) ޤައުމުތަކަށް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫންކަމަށާއި، އެއީ ޤައުމުގެ އިސްތިޤްލާލާ ގުޅިފައިވާ ކަމެއްކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އެ ޤައުމުތަކުގެ ދައުލަތްވަންތަކަމާއި، ޙައްޤުތައް، ނުވަތަ ކަނޑުގެ ސަރަޙައްދުތަކުގެ ޙައްޤުތައް ގެއްލިގެން ނުވާނެކަމަށް އެމަނިކުފާނު ވަކާލާތުކުރެއްވިއެވެ. އެމަނިކުފާނު ވަނީ އަންޓާލިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 އަކީ ނަތީޖާ ނެރެދޭ ބައްދަލުވުމަކަށް ހެދުމަށާއި، މޫސުމީ މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަކަށް، އަދި ހަލުވިކަމާއެކު އެ އެހީ ފޯރުކޮށްދިނުމަށާއި، 2030 އެޖެންޑާއާއި، އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސިޑްސް (އަބާސް) އަދި އެގްރީމަންޓް އޮން ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ އެގްރީމަންޓް) ގެ މަސައްކަތްތައް ހަލުވިކުރުމަށް ގޮވާލައްވާފައެވެ.
2040 ވަނަ އަހަރު އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އުންމީދީ ތަޞައްވުރު ފާހަގަކުރައްވައި، ސެވިއްޔާ ކޮމިޓްމަންޓް އަދި ބޮރޯވަރސް ޕްލެޓްފޯމް ތަންފީޒުކުރުން ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ މާލީ ނިޒާމު އިޞްލާޙުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. ގުޅުންތަކުގެ ސަބަބުން ޤައުމީ ޤާބިލުކަން އިތުރުވެ، ޤައުމީ ބޭނުންތައް ފުއްދައިދޭންޖެހޭނެކަން ފާހަގަކުރައްވައި، އެއީ ’މޯލްޑިވްސް ފަސްޓް‘ ސިޔާސަތުގެ ރޫޙުކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ކުދި ޤައުމުތަކަށް އައު ބަރޯސާވުންތަކެއް އުފެދުމުގެ ބަދަލުގައި، ފުރުޞަތުތައް ފަހިވެގެންދާންޖެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އދ.ގެ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ޔޫއެން 80 އިނިޝިއޭޓިވް މިންކުރަންވާނީ ހަމައެކަނި އުނިކުރާ ކަންކަމަށް ބަލައިގެން ނޫންކަމަށާއި، އޭގެ ބަދަލުގައި ނެރެދޭ ނަތީޖާއަށް ބަލައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ސިލްސިލާ ގޮތެއްގައި ސިޑްސްއަށް ގޮނޑިއެއް ލިބޭނެގޮތަށާއި، އެފްރިކާއަށް އިންސާފުވެރި ތަމްސީލުކުރުމެއް ލިބޭނެގޮތަށް ސަލާމަތީ މަޖިލިސް ފުޅާކުރުމަށާއި، ވީޓޯކުރުމުގެ ބާރު އުވާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކަކީ ހަމައެކަނި ނިންމުންތަކަށް ތަބާވާ ބައެއްގެ ބަދަލުގައި، ނިންމުންތައް ނިންމާ ބަޔަކަށް ވުމުގެ މުހިންމުކަން ފާހަގަކުރައްވައި، 2027 އިން 2029 އަށް ހިނގާ ދައުރުގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށާއި، 2028އިން 2030އަށް ހިނގާ ދައުރުގެ ހިއުމަން ރައިޓްސް ކައުންސިލަށާއި 2033އިން 2034އަށް ހިނގާ ދައުރުގެ ސަލާމަތީ މަޖިލީހަށް ދިވެހިރާއްޖެއިން ކުރިމަތިލާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވޭތުވެދިޔަ ދިހަ އަހަރު ދުވަހު ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވައި، އެމަނިކުފާނުގެ ދައުރަށްފަހު އެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ހާމަކަންބޮޑު، ޤާބިލިއްޔަތަށް ބިނާކުރެވިފައިވާ މަރުޙަލާއަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އދ. ގެ ދިގު ތާރީޚުގައި އެ މަޤާމު މިހާތަނަށް ފުރުއްވާފައިވަނީ ހަމައެކަނި ފިރިހެން ބޭފުޅުންކަން ފާހަގަކުރައްވައި، މިއީ އެ ޖަމްޢިއްޔާގެ އިސް މަޤާމަށް އަންހެން ބޭފުޅަކު ގެންނަންވީ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ތަޤްރީރު ނިންމަވާލައްވަމުން، ހަމަނުޖެހުންތަކާއި، މޫސުމާއި، މާލީ ކަންކަމާއި، ޓެކްނޮލޮޖީ އަދި މުއައްސަސާތައް އިޞްލާޙުކުރުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ނިންމާ ނިންމުންތައް ވަޒަންކުރުމަށް ފަސޭހަ މިންގަނޑެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހުށަހެޅުއްވާފައެވެ. އެގޮތުން ބަލަންވީ އެ ނިންމުންތަކުގެ ސަބަބުން ޤައުމުތަކުގެ އިޚްތިޔާރުކުރުމުގެ މިނިވަންކަން ފުޅާވެ، ޤައުމީ ޤާބިލުކަން ބިނާކުރެވި، އިސްތިޤްލާލާއި މިނިވަންކަމާއެކު ނިންމުންތައް ނިންމުމުގެ ބާރު ރައްކާތެރިކުރެވޭތޯ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އެންމެންނަށް ނަތީޖާ ނެރެދޭ އދ. އެއްގެ ހަޤީޤީ މިންގަނޑުކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.



