- Advertisement -spot_img

ހިންމަފުށީގައި ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާއަޅައިފި

ކ. ހިންމަފުށީގައި ތަރައްޤީކުރާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ހިންމަފުށީގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި، ފެސިލިޓިގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަލްއުސްތާޛު އަޙްމަދު ޞިއްދީޤު އާއި އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ސާހީން އާދަމްގެ އިތުރުން ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު އަނާރާ ނައީމްއެވެ.

500 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ މި އިމާރާތުގެ މަޝްރޫޢަކީ 5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ޚަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި އިމާރާތުގެ ބޮޑުބައި އަޅަން ނިންމާފައި ވަނީ، މިހާރުގެ ރިހިބިލިޓޭޝަން ސެންޓަރު ހުރި އިމާރާތް ހުރި ހުސް ބިމުގައެވެ.

އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

ހިންމަފުށީގައި މިހާރު އިމާރާތަކީ 174 މީހުންނަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ.

މި ރަސްމިއްޔާތުގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދުގެ އިތުރުން ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒުގެ އިތުރުން އެންޑީއޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް