ގިރާވަރުފަޅާ ދިމާ ބޭރު ކަނޑުގެ 500 މީޓަރު އަޑީގައި ޕްލާންޓެއް ގާއިމުކޮށްގެން ފެން އުފެއްދުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވެ، އެކަމުގެ ދިރާސާ ނިމުމަކާ ގާތްވެފައިވާކަން ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ނޫސްވެރިންނާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. ފަހުމީ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރު ވެސް ކާމިޔާބުކަމާއެކު ބޭނުންކުރަމުން އަންނަ މި ޓެކްނޮލޮޖީ ރާއްޖެ އަށް ތަޢާރަފުކުރުމަށް ހަދަންޖެހޭ ހުރިހާ ސާވޭތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.
މި ބޮޑު މަޝްރޫއު ކުރިއަށްގެންދަނީ މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެންނެވެ. މިއީ ކަނޑުގެ އަޑީގައި ވޯޓާ ޕްލާންޓެއް ބަހައްޓައިގެން ފެން އުފެއްދުމުގެ ބޮޑު މަޝްރޫއުއެކެވެ. އާންމުކޮށް ބޯހޯލުން ނަގާ ލޮނަށްވުރެ ކަނޑުގެ 500 މީޓަރު އަޑިން ލިބޭ ލޮނު މާބޮޑަށްވެސް ސާފުވާނެކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ އޭގައި އޯގަނިކް މެޓީރިއަލްސް މަދުވުމުގެ ސަބަބުން ފެން އުފެއްދުމުގެ އެފިޝިއެންސީ އިތުރުވެ، ކުރަންޖެހޭ ހަރަދުތައް ބޮޑު ތަނުން ކުޑަ ވެގެންދާނެ އެވެ.
އެންމެ ފުރަތަމަ މި ވާހަކަ ދެކެވުމުން ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ނަމަވެސް، މިއީ އެމްޑަބްލިޔުއެސްސީގެ ފެން އުފެއްދުމުގެ ޤާބިލުކަން އެތައް ގުނައެއް ހަރުދަނާކޮށްދޭނެ ކާމިޔާބު މަސައްކަތަކަށް ވާނެކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.



