މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ އޮތް އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުގެ ނަންތައް އެ އޮތޯރިޓީން އާންމުކޮށްފިއެވެ.
މީރާއިން އާންމުކުރި ލިސްޓުގައި އަމިއްލަ ފަރުދުންނާއި ކުންފުނިތައް ހިމެނޭ ގޮތަށް ޖުމްލަ 33 ފަރާތެއްގެ ނަން ހިމެނެއެވެ.
ނަންތައް އާންމުކުރި ނަމަވެސް އެ ފަރާތްތަކުން ދައްކަންޖެހޭ އަދަދުގެ ތަފުސީލެއް މީރާއިން ހާމައެއް ނުކުރެއެވެ.
މީރާއިން ބުނީ ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އެ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދީފައިވާނެ ކަމަށެވެ. އަދި އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެކަން އަންގައިފައިވާނެ ކަމަށެވެ.
ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސް ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައްވެސް ތަފާތު ކުރުމެއް ނެތި އަޅަމުން ގެންދާނެ ކަމަށް މީރާ އިން ވަނީ ބުނެފައެވެ.



