25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުން ހިތާމައާއެކު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޑރ. މުޙައްމަދު ޢަލީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމުގެ އިތުރުން ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، މަރުހޫމް ޑރ. މުޙައްމަދު ޢަލީއަކީ އިޖުތިމާއީ ކަންކަމާއި، އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމާއި ތިމާވެށީގެ ދާއިރާއިން އިލްމީ ދިރާސާތައް ކުރެއްވި، އެންމެންގެ ލޯތްބާއި އިހުތިރާމް ހޯއްދެވި ނަމޫނާ ޝަޚުސިއްޔަތެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ.



