ދިރާގު ދިވެހި ޕްރެމިއާ ލީގުގައި ދިއްދޫ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ .
ލީގުގައި ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށްފައިވާއިރު. ދިއްދޫގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ވިކްޓަރީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ވިކްޓަރީ ކުރީގައި އޮވެގެންނެވެ. އެގޮތުން ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އަހުމަދު ރިޒުވާން (ރިޒޭ) ވިކްޓަރީއަށް ލީޑު ހޯދައިދިންއިރު، އޭގެ ތިން މިނެޓްފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ނާއިޒު ހަސަން (ދާދު) އެވެ. އަދި ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ދިއްދޫގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ވިކްޓަރީގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ރިޒޭއެވެ.
މެޗުގެ ދެވަނަ ހާފުގައި ދިއްދޫގެ ފަރާތުން ތަފާތު ހިތްވަރުގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ގާނާގެ މިޑްފީލްޑަރު، ޓެޓޭ ގިޑިއޯން ދިއްދޫގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު، އޭގެ 14 މިނެޓު ފަހުން ހުސެއިން ޒިމްޔާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދިއްދޫއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ދިއްދޫ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ޓެޓޭ އެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން ވިކްޓަރީ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑަކީ ވިކްޓަރީގެ ޑިފެންޑަރު، އަލީ ޝާމިސް ދިއްދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަބް އުޅުމުގެތެރެގައި ދިއްދޫގެ އާދަމް ނަސީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދިއްދޫ އިން އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.
މިނަތިޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ވިކްޓަރީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ދިއްދޫ އިން ލީގުގައި ކުޅުނު ދެމެޗުން އެޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.



