މާޒީގައި ހިނގައިދިޔަ ކަންކަން އެއްފަރާތްކޮށް، ދެ ގައުމު ގުޅިގެން އާ މުސްތަގުބަލެއް ބިނާކުރުމަށް އީރާނާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމަށް އާދެވިފައިވަނީ އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ ބްރިކްސް ސަމިޓުގެ ހަވާސާގައި، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަދި އަބޫދާބީގެ ވަލީއަހުދު ޝެއިޚް ޚާލިދު ބިން މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ބޭއްވެވި ބައްދަލުވުމުގައެވެ. ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މި ބައްދަލުވުމުގައި ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
”މާޒީ އެއްފަރާތްކޮށް، ކުރިމަގަށް ވިސްނުމަށާއި، ދެ ގައުމު ގުޅިގެން މުސްތަގުބަލެއް ބިނާކުރެވޭނެ ގޮތްތަކާމެދު މަސައްކަތް ކުރުމަށް ދެ ގައުމަށް ވެސް ވަނީ އެއްބަސްވުމަކަށް އާދެވިފައި“، ބައްދަލުވުމަށްފަހު އީރާންގެ ރައީސް ޕެޒެޝްކިއާން ވިދާޅުވެފަވެއެވެ. ވެރިންގެ މި ބައްދަލުވުމަށްފަހު، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ޔޫއޭއީގެ އިސް އޮފިޝަލުންނާއެކު މި މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދަވާފައެވެ.
މި އަހަރުގެ ކުރީކޮޅު އީރާނުގެ އައިއާރުޖީސީން އަލް ދަފްރާ އެއާ ބޭސް އަދި އާންމު އުމްރާނީ ވަސީލަތްތަކަށް ދިން ހަމަލާތަކާ ގުޅިގެން، ޔޫއޭއީން ވަނީ ތެހެރާންގައި ހުންނަ އެ ގައުމުގެ އެމްބަސީ މާޗު މަހު ބަންދުކޮށްފައެވެ. މިއާއެކު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ.
ޔޫއޭއީގެ ރިޔާސީ މުޝީރު އަންވަރު ގަރްގާޝް ފާހަގަކުރެއްވި ގޮތުގައި، މި ބައްދަލުވުމަކީ އަސްކަރީ ގޮތުން ދިފާއުވުމާއެކު ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އަބޫދާބީން ގެންގުޅޭ ހާއްސަ ސްޓްރެޓެޖީ ދައްކުވައިދޭ ކަމެކެވެ. އަދި މަޝްވަރާތަކުގައި ޕެޒެޝްކިއާން ގެންގުޅުއްވި ވިސްނުންފުޅަކީ ހަމަހަމަ އަދި ބުއްދިވެރި ވިސްނުންފުޅެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.



