- Advertisement -spot_img

ހޫޘީންނާއި ދެކޮޅަށް ސައުދީ އަރަބިއްޔާގެ ވަރުގަދަ ހަމަލާތަކެއް

 ޔަމަނުގެ ހޫޘީން އެ ގައުމުން އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާއިން ދެމުންދާ ވައިގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހޫޘީން އަލަށް ހިފާފައިވާ ސަރަހައްދުތަކަށެވެ. ވަކި ސަރަހައްދެއް ނުވަތަ ރަށެއްގެ ކޮންޓްރޯލް ހޯދުމަށްފަހު، އެ ތަނެއް ދަމަހައްޓަން އަސްކަރީ އެހީތެރިކަމާއި އިތުރު ފައުޖުތައް ބޭނުންވާނެ ކަމަށާއި ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކުގެ މައިގަނޑު ބޭނުމަކީ ހޫޘީންގެ އެފަދަ އަސްކަރީ ހަރަކާތްތަކަށް ހުރަސްއެޅުން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ މާރިބް ސިޓީއަށް ހޫޘީންގެ އަންސާރުﷲ ޖަމާއަތުން އަތްގަދަކުރަން މަސައްކަތް ކުރަމުންދާ އުތުރުގެ ސަރަހައްދުތައް ހިމެނޭހެން، އެ ޖަމާއަތުގެ ބާރުގެ ދަށަށް ދާދިފަހުން ދިޔަ ސަރަހައްދުތަކަށް މިހާތަނަށް 129 ވައިގެ ހަމަލާ ސައުދީ އަރަބިއްޔާ އިން ވަނީ ދީފައެވެ.

އެހެން ނަމަވެސް މި ހަމަލާތަކާ ގުޅިގެން ހޫޘީން ފަހަތަށް ޖެހިފައިވާ މަންޒަރެއް އަދި ފެންނާކަށް ނެތެވެ. އަދި ދެ ފަރާތުގެ މެދުގައި ސީދާ ކުރިމަތިލުންތަކެއް މިހާރު ހިނގަމުން ނުދާއިރު، މިވަގުތު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ވައިގެ ހަމަލާތަކެވެ. މުޚާ ބަނދަރާއި ބާބުލް މަންދަބް ކައިރީގައި ހުރި ސަރަހައްދުތަކުން ޔަމަނުގެ ސަރުކާރު ސިފައިން ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާތީ، އެ ސަރަހައްދުގައި ބަޑީގެ ހަމަލާތައް ބަދަލުކުރުން ފަދަ އެއްވެސް ކުރިމަތިލުމެއް މިހާރު ނުހިނގާ ކަމަށްވެސް އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވެއެވެ.

އެ ސަރަހައްދުގެ އެއްވެސް ހިސާބަކުން ޔަމަނު ސަރުކާރުގެ ސިފައިން ފެންނަން ނެތުމުގެ ސަބަބުން، ހޫޘީންގެ އަސްކަރީ ކުރިއެރުންތައް ހުއްޓުވުމަށް މިހާރު މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކަށެވެ. އަނެއްކޮޅުން، ޔަމަނުގެ ހޫޘީން ފޮނުވާލި މިސައިލެއް ނުވަތަ ރޮކެޓެއްގެ ސަބަބުން މިސްކިތަކަށާއި، އާންމުން ދިރިއުޅޭ ގެތައް ހިމެނޭހެން ބައެއް އިމާރާތްތަކަށް ލިބިފައިވާ ގެއްލުންތައް ފެންނަ ވީޑިއޯއެއް ސައުދީ އަރަބިއްޔާއިން ވަނީ އާންމުކޮށްފައެވެ.

ނަމަވެސް ހޫޘީން ބުނަމުންދަނީ އެމީހުން ހަމަލާ އަމާޒުކުރީ ސައުދީ އަރަބިއްޔާގެ އަސްކަރީ މަރުކަޒަކަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް