ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ”އިސްލާމިކް ފައިނޭންސް ފަސްޓް“ ޕޮލިސީގެ ދަށުން، އެ ބޭންކުގެ ލޯނުތަކާއި އެކައުންޓުތައް ޝަރީޢާ ހަމަތަކަށް ފެތޭ ގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ.
އިއްޔެއިން ފެށިގެން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި އެދި ހުށަހަޅާ ޕަރސަނަލް ލޯނުތައް ދޫކުރާނީ އިސްލާމިކް ބޭންކިންގ އުސޫލުން ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މިހާރު ހުޅުވާފައިވާ އެކައުންޓުތަކާއި ނަގާފައިވާ ލޯނުތައްވެސް އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް އިސްކަންދިން ކަމުގައިވިޔަސް، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ކޮންވެންޝަނަލް ބޭންކިންގ ޚިދުމަތްތައްވެސް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ. މި ޕޮލިސީގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި އަތޮޅުތެރޭގެ ހުރިހާ ބްރާންޗެއް ވަނީ އިސްލާމިކް ބޭންކިންގ ބްރާންޗްތަކަށް ބަދަލުކޮށްފައެވެ. ބީއެމްއެލްގެ އިސްލާމިކް ބޭންކިންގ ފަންޑު މުޅިން ވަކިކޮށް، މިއީ ބައިނަލްއަގުވާމީ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތްތަކެކެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިންގ ޚިދުމަތް ތައާރަފުކުރި ފަހުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ބޭންކިންގ ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިންގެ ޚިދުމަތްދޭ ބޭންކުގެ އިތުރުން، ރާއްޖޭގައި އިސްލާމިކް ކްރެޑިޓް ކާޑު ދޫކުރާ ހަމައެކަނި ބޭންކުވެސް މެއެވެ.



