ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރި ކުރެވޭނެ އާ އުސޫލުތަކާއި ލިމިޓްތައް އެ ބޭންކުން އާންމުކޮށްފިއެވެ.
ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ހިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށްޓަކައި އެކުލަވާލި މި އުސޫލަށް އަމަލުކުރަން ފަށާނީ މިއަދު، 13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމުން ކަސްޓަމަރުން މުދަލާއި ހިދުމަތް ހޯދާއިރު، އެވްރެޖްކޮށް ދުވާލަކު 20,000 އަށްވުރެ ގިނަ މުއާމަލާތް ކުރެވެއެވެ. ނަމަވެސް، މި ފަދަ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރުވުމުގެ ސަބަބުން، ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ހެދުމަށް ދަތިތަކާ ކުރިމަތިވެ، ޒަރޫރީ ހިދުމަތްތައް ލިބުމުގައި ލަސްތަކެއް ދިމާވެ ކަސްޓަމަރުންގެ ޝަކުވާތައް ވެސް އިތުރުވެފައިވާ ކަމަށް ބޭންކުން ފާހަގަކުރެއެވެ.
އާ އުސޫލުގެ ދަށުން ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށްޓަކައި މަހަކު ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް ޕްލެޓްފޯމްގެ ތެރޭގައި ހިމެނޭ ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ރީޓެއިލް އަދި ޓެކްނޮލޮޖީ ޕްލެޓްފޯމްތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން، މެޓާ (ފޭސްބުކް އަދި އިންސްޓަގްރާމް) އާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު) ވަނީ ހަމަޖައްސައިފައެވެ.
އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ ގުޅުންހުރި މުއާމަލާތްތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައަޅާފައިވާއިރު، އެހެން މީހުންނަށް ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުން އިތުރުވެފައިވާތީ، ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް ކަމަށް ބޭންކުން ބުނެއެވެ. މިއީ ކަސްޓަމަރުންގެ އަމިއްލަ ދަތުރުފަތުރުގެ ބޭނުންތަކަށް ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ. މީގެ އިތުރުން، ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ މުހިންމު ދާއިރާތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ވަނީ ކަނޑައަޅައިފައެވެ.
ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް އެއްވެސް މާޗަންޓް ލެވެލްއެއް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ. ބީއެމްއެލް އިން ބުނި ގޮތުގައި، މި ފަދަ ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ބަފަރއެއް (އިތުރު މިންވަރެއް) ދަމަހައްޓާނެއެވެ. އަދި އާ އުސޫލުގައި ބަޔާންކޮށްފައި ނުވާ އެހެނިހެން ހުރިހާ އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު) ވަނީ ކަނޑައަޅައިފައެވެ.
ވަކި ދާއިރާއަކަށް ކަނޑައަޅާފައިވާ ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރެވޭނެ ކަމަށާއި، ދުވާލަކު ބޭނުންކުރެވޭނެ ލިމިޓް ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގައި ރީސެޓްވާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ޑޮލަރު ކާޑެއް އޮތްނަމަ އެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ކަމަށްވެސް ބޭންކުން މައުލޫމާތުދެއެވެ. ބީއެމްއެލް އިން ބުނި ގޮތުގައި، ކަސްޓަމަރުން މުއާމަލާތްކުރާ މިންވަރަށާއި ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، މި ލިމިޓްތަކަށް އެކަށީގެންވާ ބަދަލުތައް ދޭތެރެ ދޭތެރެއިން ގެންނަމުންދާނެއެވެ.



