އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އަށް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތައުލީމީ ދާއިރާގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ. އަދި ތައުލީމީ މަރުހަލާގައި ދަރިވަރުން ހާސިލްކުރާ މިންވަރު އިތުރުކުރުމަށް މިހާރުވެސް ކޮންޓެންޓަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ ފޮތްތައް ބަދަލުކުރިނަމަވެސް ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުން ކުރައްވާ މަސައްކަތުން ކަމަށެވެ. އަދި މުހިންމީ ތުއްތު ކުދިންގެ ތައުލީމު ބައްޓަންކުރުމަށް އަޅުގަނޑުމެން ވިސްނާގޮތް ކަމަށާއި، އެންމެ ބޮޑު ބަދަލެއް އަންނާނީ އޭރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސާނަވީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނާއި މަތީސާނަވީއަށް ދާ ދަރިވަރުންގެ މެދުގައި އޮންނަ ފަރަގު ކުޑަކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ޝަފީއު ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން ސާނަވީ ތައުލީމު ފުރިހަމަ ކުރުމަށް ފަހު މަތީ ސާނަވީ ތައުލީމަށް ދާ ދަރިވަރުންގެ އަދަދު 50 އިންސައްތައަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި މާލޭ ވޮކޭޝަނަލް ހައިސް ސްކޫލާއެކު މިއަދަދު 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ޝަފީއު ވިދާޅުވީ، ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސް، އޭއައި އެކި ކަންކަމުގައި ބޭނުން ކުރާ މިންވަރު އިތުރުވަމުންދާއިރު، މި ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރަންޖެހޭ ކަމަށެވެ. އަދި ދަރިވަރުން އެކަންކަމަށް ތައްޔާރުކުރުމަށް ޓީޗަރުން ވެސް މިކަންކަމަށް އަހުލުވެރިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.



