މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި، އުރުނު ތެޔޮ އުފުލާ ދެ ބޯޓު ދިޔަވެ މާލެ އަތޮޅު ބޭރަށް ރޭ އަޑިއަށް ހިނގައްޖެއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ، މާލޭ ބަނދަރުގައި އަޅާފައި އޮތް މި ދެ ތެޔޮ ބޯޓު މި މަހުގެ 10 ވަނަ ދުވަހުގެ ރޭ މޫސުން ގޯސްވެ، ނަގިލި ކަހާލައިގެން ބުރިޖުގެ ދަށުން އޮޔާގޮސް މާލެއަތޮޅުން ބޭރަށް ދާތީ، އެ އުޅަނދުތަކުގައި ތިބި ނުވަ ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި ތެޔޮ އުފުލާ މި ދެ ބޯޓަކީ ވަރަށް ބާވެފައިވާ ދެ ބޯޓަށް ވުމާއެކު، ބޯޓުތައް ދިޔަވެގެން މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މި ދެ ބޯޓަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައި އޮތް ތެޔޮ އުފުލާ ޒާތުގެ ދެ ދަގަނޑު ބޯޓެވެ. މި ދެ އުޅަނދު އޮޔާދިޔައީ މޫސުން ގޯސްވެ، އަޅާފައި އޮތް ނަގިލި ކަހާލުމުގެ ސަބަބުންނެވެ. އެގޮތުން މާލޭގެ އިރުމަތީ ފަރާތުން އޮޔާދިޔަ މި ދެ ބޯޓު ގޮސް ޖެހިފައިވަނީ ސިނަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައެވެ.
މި ހާދިސާއާ ގުޅިގެން، ބްރިޖަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހާއްސަ އިންސްޕެކްޝަނެއް ހެދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ މި ހާދިސާ ހިނގި ވަގުތާއި އިއްޔެ ހެނދުނު، ބްރިޖުގެ މަރާމާތުގެ މަސައްކަތްތައް ކުރަމުން އަންނަ ކުންފުނި ކަމަށްވާ ޗައިނާގެ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ބްރިޖު ބަލައި، ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދާފައިވާ ކަމަށެވެ.
އެ ކުންފުނިން ބެލި ބެލުމުން، ބްރިޖުގެ ސްޓްރަކްޗަރަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ނަމަވެސް ބޭރުފުށުން ކުދިކުދި ކޫރުތަކެއް އެޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީއާއެކު ހަދާފައިވާ މޮނިޓަރިންގ އަދި މެއިންޓެނަންސް އެއްބަސްވުމުގެ ދަށުން، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ކުންފުނިން ބްރިޖު މަރާމާތުކުރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ އިތުރަށް ވިދާޅުވެފައެވެ.



