މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބާޒާރުތަކަށް އައި ލޮޅުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރައިފިއެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެޔޮ ސަޕްލައި ކުރުމަށް ދިގު މުއްދަތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު ހީވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އަނެއްކާވެސް 100 ޑޮލަރަށް އުފުލި، މިދިޔަ ޖުލައި މަހަށްފަހު ތެލުގެ އަގު އެންމެ މައްޗަށް ދިޔަ ދުވަސްވަރާ އަޅާބަލާއިރު މިހާރު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.
ދުނިޔޭގެ ތެލުގެ އަގުތައް މިނެކިރާ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ބުދަ ދުވަހުގެ ކުރީކޮޅު 2.3 އިންސައްތަ އުފުލި، ޖުލައި މަހަށްފަހު ފުރަތަމަ ފަހަރަށް ފީފާއެއްގެ އަގު 100 ޑޮލަރަށް އެރި އެވެ. ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން އަގު ވަނީ ކުޑަކޮށް ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު 1.3 އިންސައްތަ އުފުލި، ފީފާއެއްގެ އަގު ވަނީ 94 ޑޮލަރަށް އަރާފަ އެވެ.
ބްރެންޓް ކުރޫޑްގެ އަގު 100 ޑޮލަރަށް އުފުލިފައިވަނީ، އެމެރިކާއިން އީރާނުގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއި، އީރާނުގެ މަދަދުލިބޭ ހޫޘީން ސައުދީ އަރަބިއްޔާއަށް ހަމަލާދިނުން ފަދަ ހަނގުރާމައިގެ ނުރައްކާތެރި ހާދިސާތަކެއް ހިނގި ދުވަހަކަށް ފަހުގައެވެ.
މި އަހަރުގެ ތެރޭގައި ތެލުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ހަނގުރާމައިގެ ހާލަތަށް އަންނަ ބަދަލުތަކާއި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކުގެ ހަރަކާތްތަކަށް ވިޔަފާރިވެރިން ދަނީ ވަރަށް ބޮޑަށް ފާރަވެރިވަމުންނެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، ބްރެންޓް ކުރޫޑް އަދި އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު މި އަހަރުގެ ތެރޭގައި 60 އިންސައްތައަށްވުރެ މައްޗަށް އުފުލިފައިވާއިރު، މީގެ ސަބަބުން މުޅި ދުނިޔޭގައި ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ސާފުނުކުރާ ތެލުގެ އަގު އުފުލުމާ ގުޅިގެން ޕެޓްރޯލާއި ޑީސަލް ފަދަ ތެލުގެ އުފެއްދުންތަކުގެ އަގު ވެސް ވަނީ ބޮޑުވެފަ އެވެ. މީގެ ސަބަބުން އާންމު ރައްޔިތުންގެ ޖީބުތަކަށް ބާރުބޮޑުވެ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މައްސަލައަށް މަރުކަޒީ ބޭންކުތަކުން ސަމާލުކަން ދޭންޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ.



