- Advertisement -spot_img

ޓީޗާސް ކޮންފަރެންސައަށް 70 އަށްވުރެ ގިނަ ދިރާސާ ކަރުދާސް

އަށް ވަނަ ޓީޗާސް ކޮންފަރެންސައަށް ރަނގަޅު ތަރުހީބަކާއެކު 70 އަށްވުރެ ގިނަ ކަރުދާސް ހުށަހަޅާފައިވާކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެންއައިއީގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް އަދި ކޮންފްރެސްގެ ކޯޑިނޭޓަރު ޝުހުދާ ރިޒްވާން ވިދާޅުވީ ބައިނަލް އަގުވާމީ ފެންވަރުގައި ބާއްވަމުން އަންނަ މި ކޮންފަރެންސްގެ ސަބަބުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެކަމަށެވެ. އަދި ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާމެދު ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު މުދައްރިސުންނަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމަށް ގިނަ ބައެއްގެ އެދުމުގެ މަތިން ދެ ހަފްތާއަށް މުއްދަތު އިތުރުކޮށްދިން ކަމަށާއި ގިނަ ޓީޗަރުން ކޮންފަރެންސްގައި ބައިވެރިވުމަށްޓަކައި އަމިއްލައަށް ދިރާސާތައް ހަދައި ކަރުދާސްތައް ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްއަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމު ކުރުމުގެ މަގްސަދުގައި 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމަނުން އަންނަ ކޮންފަރެންސެކެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވަމުން އަންނަ މި ކޮންފަރެންސް ތަކުގެ ސަބަބުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާ މެދު ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު މުދައްރިސުންނަށް ލިބިދެއެވެ. މިގޮތުން މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 އިން 13 އަށް ހުޅުމާލޭގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގައެވެ. މިއަހަރުގެ ކޮންފަރެންސް ހާއްސަކޮށްފައިވަނީ “ރީއިމޭޖް، ރީތިންކް، ރިފޯމް- އެޑްވާންސިން އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗާ” މި ޝިއާރަށެވެ.

ކޮންފަރެންސްގައި އަލިއަޅުވާލެވޭނެ މުހިންމު މައުޟޫއު ތަކުގެ ތެރޭގައި ހުރިހާ ކުދިން ޝާމިލު ކޮށްގެން ކިޔަވާއި ދިނުމާއި ގުޅުންހުރި އެކި އެކި މައުޟޫއު ތަކާއި، ކުދިން ޝައުގުވެރިވާނެ ގޮތަށް ކިޔަވައިދޭނެ ގޮތްތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ބަލަންޖެހޭ ކަންތައް ތަކާއި ކޯޑިން އަދި ރޮބޮޓިކްސްފަދަ ޒަމާނީ ތައުލީމުގެ ތަފާތު ދާއިރާތައް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް